Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

މިދިޔަ މަހު އާމްދަނީ އަށް 1.71 ބިލިއަން ރުފިޔާ

މިރާ އޮފީހުގެ ތެރެއިން / ފޮޓޯ: މީރާ

ދައުލަތުގެ އާމްދަނީ މިދިޔަ މަހާއި އަޅާ ބަލާއިރު 8 އިންސައްތަ ދަށަށް ގޮސްފައިވާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރު މޭއި މަހު ދައުލަތުގެ އާމްދަނީގެ ގޮތުގައި މީރާއަށް ޖުމްލަ ލިބިފައިވަނީ 1.71 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އެޕްރީލް މަހު ލިބުނު 1.86 ބިލިއަން ރުފިޔާއާއި އަޅާ ބަލާއިރު 8 އިންސައްތައިގެ ދަށްވުމެކެވެ. މިދިޔަ މަހަށް ވުރެ މިމަހު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ އޮފް ސީޒަނާއިއެކު ފަތުރުވެރިން އަންނަ މިންވަރު ދަށްވެގެން ދިއުމެވެ.

މަހުން މަހަށް އާމްދަނީ ދަށްވި ނަމަވެސް މިއީ މިދިޔަ އަހަރު މޭއި މަހާއި އަޅާބަލާއިރު 30.4 އިންސައްތައިގެ އިތުރުވުމެއް ކަމަށް މީރާއިން ބުނެެއެވެ. މީގެ އެންމެ ބޮޑު އެއްސަބަބަކީ ޖީއެސްޓީ ނަގާ ރޭޓަށް އައި ބަދަލާއި އަދި މިއަހަރު އެޕްރީލް މަހު އައި ފަތުރުވެރިންގެ އަދަދުވެސް އިތުރުވެގެން ދިއުމެވެ. މިއާއެކު ޓީޖީއެސްޓީ އާއި އެއާޕޯޓު ފީ ތަކުގެ ގޮތުގައި ލިބޭ މިންވަރު ވަނީ އިތުރުވެފައެވެ.

މޭއި މަހު ޓެކްސްގެ ގޮތުގައި ޑޮލަރުން 72.8 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް މީރާއިން ބުނެއެވެ. އަދި ޖުމްލަ އާމްދަނީގެ ތެރެއިން ޓެކްސް އާމްދަނީގެ ގޮތުގައި މި މޭއި މަހު ލިބިފައިވަނީ 1.4 ބިލިއަން ރުފިޔާއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 221.1 މިލިއަން ރުފިޔާއެވެ. މިއާއެކު ޖުމްލަ އާމްދަނީގެ 87.1 އިންސައްތަ އަކީ ޓެކްސް އާމްދަނީއެވެ.

ޓެކްސް އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައި ހިއްސާ ކުރަނީ ޖީއެސްޓީ އަދި ޓީޖީއެސްޓީއަށެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި މިދިޔަ މޭއި މަހު 370 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓީޖީއެސްޓީގެ ގޮތުގައި 717 މިލިއަން ރުފިޔާ ޖުމްލަ އެކީ ވަނީ ލިބިފައެވެ. މީގެ އިތުރުން މިދިޔަ މަހު އިންކަމް ޓެކްސްގެ ގޮތުގައި 212 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ ތެރެއިން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 221 މިލިއަން ރުފިޔާ ލިބުނުއިރު އޭގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް ލިބިފައިވަނީ އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައެވެ. މިގޮތުން އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ގޮތުގައި 114 މިލިއަން ރުފިޔާ ވަނީ ދައުލަތައް ލިބިފައެވެ.

މިރާއިން ބުނި ގޮތުގައި މިއަހަރު މޭއި މަހު އާމްދަނީ ލިބޭނެ ކަމަށް ލަފާ ކުރިވަރަށްވުރެ 1.8 އިންސައްތަ އިތުރަށް މޭއި މަހުގެ އާމްދަނީ އަރާފައިވެއެވެ. މީގެ ސަބަބެއް ކަމަށް މީރާއިން ބުނަނީ ފަތުރުވެރިންގެ އަދަދު އިތުރުވުމާއި، ޓެކްސް ޑެޑްލައިން ކުރި ކޯޕަރޭޓް ޓެކްސް ދައްކާފައިވާ މިންވަރު އިތުރުވުމެވެ.