Last Updated: June 29, 02:43
Sunday, June 28, 2026
ޚަބަރު

މަހެއްހާ ދުވަހުގެ ތެރޭގައި ފެރީ ނިޒާމް ރަނގަޅު ކުރަނީ

ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އައްޑޫގެ ދަތުރުފަތުރުގެ ކަންކަން ރަނގަޅު ކުރުމަށް އައްޑޫ ސިޓީ ކައުންސިލާއި ހިދްމަތް ފޯރުކޮށްދޭ އެމްވިކޭއިން އެއްބަސް ވެއްޖެއެވެ.

އައްޑޫގެ ދަތުރުފަތުރުގެ ކަންކަން ބަރަާބަރަށް ފޯރުކޮށް ނުދެވޭތީ، ކައުންސިލާއި، އެމްވީކޭ ކުންފުނީގެ އިސްވެރިން ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރުކޮށްފައި ވަނިކޮށް އިކޮނޮމިކް މިނިސްޓްރީގެ ބައިވެރިވުމާއި އެކު މިއަދު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

އައްޑޫގެ ޑެޕިއުޓީ މޭޔަރ އަބްދުﷲ ޠޮއްޔިބް (ޓޮމް) ވިދާޅުވީ އެމްވީކޭއަށް ދަތުރު ފަތުރު ހަވާލުކުރުމަށް ސަރުކާރުން ވެފައިވާ އެއްބަސް ވުމުގެ ދަށުން އެކުންފުންޏަށް ދޭން ޖެހޭ ބިން ދިނުމަށް ކައުންސިލުން އެއްބަސްވެ، މަހެއްހާ ދުވަހުގެ ތެރޭގައި ބިން ހަވާލު ކުރާނެ ކަމަށެވެ.

އެގޮތުން، ފޭދޫ އާއި ހުޅުމީދޫ ގައި އަލަށް ހަދާ ބަނދަރު ސަރަހައްދުން އެމްވިކޭއަށް ބިން ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެމްވީކޭއިން އައްޑޫގެ ދަތުރުފަރުތުގެ ކަންކަން ދޯދިޔާ ކޮށްފައިވަނީ، ބިން ހަމަޖައްސައި ނުދޭތީ ކަމަށް ބުނި ނަމަވެސް، އެކުންފުނީގެ މުވައްޒަފުންނަށް ބަރާބަރަށް މުސާރަ ނުދޭ މައްސަލަ އަބަދުވެސް އޮންނަނީ ފެންމަތިވެފައެވެ. އަދި ގަމުގައި ހިންަގމުން ދިޔަ ދޫގަސް ވަނީ 50 އަހަރަށް ހިންގަން އެމްވީކޭ އާއި ހަވާލުކޮށްފައެވެ.

ޓޮމް ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި ދުވާލަކު ދެ ދަތުރު ކުރުމަށް އެމްވީކޭގެ ފަރާތުން އެދިފައިވާ ކަމަށެވެ. އެއީ ހެނދުނާ މެންދުރު ދަތުރެއް ކުރާ ގޮތަށެވެ.

އައްޑޫ ސިޓީ ކައުންސިލުން އެމްވީކޭއަށް ބިން ހަމަޖައްސާދޭން ނިންމި އިރު ސަރުކާރުން އެމްވިކޭއަށް ހަތަރު ރަށެއް ރިސޯޓް ތަރައްޤީ ކުރުމަށް ދިނުމަށް ނިންމާފައިވާކަން އިތުބާރު ހުރި ގޮތަކަށް ވަނީ އެނގިފައެވެ.