Last Updated: June 7, 13:32
Sunday, June 7, 2026
ޚަބަރު

ކޮމިޓީތަކުގެ ކޮޓަރިތައް ހުންނަނީ ތަޅުލާފައި!

ރައްޔިތުންގެ މަޖިލިސް ކުރާ ގެ- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ބައްދަލުވުންތައް ކުރިއަށްނުދާ ވަގުތުތަކުގައި އެ ކޮޓަރިތައް އަބަދުވެސް ހުންނަނީ ތަޅުލާފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަސައްކަތް ހުއްޓިފައި އޮތްއިރު ކޮމިޓީތައް ތަޅުލާފައި ހުރި ކަމަށް ބުނެ މިއަދު ވަނީ އެކަން ބައެއް މެންބަރުންނާ ހަވާލާދީ ބައެއް މީޑީއާތަކުގައި ރިޕޯޓް ކޮށްފައެވެ.

އެކަމާ ގުޅިގެން އެވާހަކަތަކަށް މަޖިލީހުގެ އިދާރާއިން ވަނި ސާފުކޮށްދީފައެވެ. އެގޮތުން ކުރި ޓްވީޓެއްގައި މަޖިލީހުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކޮމިޓީ ބައްދަލުވުން ބާއްވާ ކޮޓަރިތަކުގައި މުހިއްމު ލިޔެކިޔުންތައް ހުންނަ ކަމަށެވެ. އެހެންކަމުން ކޮޓަރިތަކުގައި މަސައްކަތެއް ކުރިއަށްނުދާ ހުރިހާ ވަގުތުތަކެއްގައިވެސް އެ ކޮޓަރިތަކަކީ ތަޅުލާފައި ހުންނަ ކޮޓަރިތަކެއް ކަމުގައެވެ.

މަޖިލީހުގެ ކޮމިޓީ ބައްދަލުވުންތައް ހުއްޓިފައިވަނީ މަޖިލީހުގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ 13 މެންބަރަކު އެ ޕާޓީން ވަކިވުމުން މަޖިލީހުގައި ސިޔާސީ ޕާޓީތަކުގެ މެމްބަރުން ހިމެނޭ އަދަދަށް ބަދަލުއައުމުންނެވެ.

ކޮމިޓީތައް އެކުލަވާލާނެ ކޮމްޕޮޒިޝަނަކާމެދު މަޖިލީހުގެ ސިޔާސީ ޕާޓީތަކަށް އެއްބަސްނުވެވުމުން އެކަން އަދި އޮތީ ނުކުރެވިއެވެ. އެހެންނަމަވެސް ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން އަންނަނީ ކޮމިޓީތައް ހުއްޓާލާފައި ބޭއްވޭނެ ގޮތެއް ނޯންނާނެކަމަށް ވިދާޅުވެ ކޮމިޓީތައް ނުބާއްވާތީ އެކަމަށް ފާޑުކިޔަމުންނެވެ.