Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ކާޖޮލްގެ ސީރީޒަށް ތާރީހެއް

ބޮލީވުޑްގެ ބަތަލާ ކާޖޮލްގެ ފުރަތަމަ ވެބް ސީރީޒް "ދަ ޓްރަޔަލް" އަންނަ މަހުގެ 14 ގައި ޕްރީމިއާކުރަން ނިންމައި އޭގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދޭން ހަމަޖެހިފައިވާ މި ސީރީޒަކީ ހުނަރުވެރި ވަރުގަދަ ވަކީލެއްގެ ރޯލުން ފެންނާނެ ކޯޓް ޑްރާމާއެކެވެ. "ދަ ޓްރަޔަލް" އަކީ "ދަ ގުޑް ވައިފް" ގެ ނަމުގައި ގެނެސްދިން އެމެރިކާގެ ލީގަލް ސީރީޒްގެ އިންޑިއާ ވާޝަނެވެ.

ކާޖޮލްގެ ސީރީޒްގެ ޑައިރެކްޓަރަކީ ސުޕަން ވަރުމާ އެވެ. އޭނަ އަކީ "އޭކް ކިލާޅީ، އޭކް ހަސީނާ" އަދި "އެސިޑް ފެކްޓްރީ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.

"ދަ ޓްރަޔަލް" ގެ ކާސްޓްގައި ޖިއްޝޫ ސެން ގުޕްތާ، އާމިރު އަލީ އަދި ޝީބާ ޗައްޑާ ފަދަ ފަންނާނުން ހިމެނެ އެވެ.

މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަންގެ އަންހެނުން ކާޖޮލްގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 29 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރާ އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީސް 2" އެވެ. ކާޖޮލްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ސަލާމް ވެންކީ" އެވެ.