Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ބަތަލާ ކްރިތީ ފިލްމު ޕްރޮޑިއުސަރަކަށް

ބޮލީވުޑްގައި މިހާރު އެންމެ ފާހަގަކޮށްލެވޭ ބަތަލާއިންގެ ތެރޭގައި ހިމެނޭ ކްރިތީ ސެނަން ފިލްމު ޕްރޮޑިއުސްކުރަން ނިންމާއިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 32 އަހަރުގެ ބަތަލާ ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމުގެ ލީޑް ރޯލު ވެސް ކުޅެނޭ ކަމަށެވެ. އަދި އެ ފިލްމު ހަދަން ނިންމާފައި ވަނީ ސްޓްރީމިން ޕްލެޓްފޯމަކާ ގުޅިގެން ކަމަށާއި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ ވެސް ޑިޖިޓަލް ޕްރީމިއާކުން ކަމަށް ބުންޏެވެ.

ޕިންކްވިލާ އިން ބުނީ އަންނަ އަހަރު ގެނެސްދޭން އަމާޒު ހިފާފައިވާ ފިލްމުގެ އެކިއެކި ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށެވެ. އެކަމަކު މިކަމާ ބެހޭ ކްރިތީ އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

"ބީޅިޔާ" އާއި "ބެރިލީ ކީ ބަރްފީ" އާއި "މިމީ" އަދި "ލުކާ ޗުއްޕީ" ފަދަ މަގުބޫލު ފިލްމުތައް ކުޅުނު ހުނަރުވެރި އަދި އެހާމެ ރީތި ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރު ހުކުރު ދުވަހު ރިލީޒްކުރާ "އާދިޕުރުޝް" އެވެ. ކްރިތީގެ އެންމެ ފަހުގެ ފިލްމަކީ ފެބްރުއަރީގައި ގެނެސްދިން "ޝެހެޒާދާ" އެވެ.

އޭނަގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ޝާހިދު ކަޕޫރާ އެކީ ކުޅެފައިވާ އަދި ނަން އިއުލާން ނުކުރާ ފިލްމަކާއި ޓައިގާ ޝްރޮފްގެ "ގަނަޕަތު: ޕާޓް 1" އާއި ކަރީނާ ކަޕޫރާއި ތައްބޫއާ އެކީ ކުޅޭ "ދަ ކްރޫ" ހިމެނެ އެވެ.