Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ގދ. ގެ ޓޫރިޒަމްގެ ގޮންޖެހުންތައް ސާފުކޮށްފި

ޓުއަރިޒަމް މިނިސްޓަރ ގ.ދ އަތޮޅުގެ ރަށްތަކަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން / ފޮޓޯ؛ ޓުއަރިޒަމް މިނިސްޓްރީ

ރަށު ފަތުރުވެރިކަން ތަރައްޤީ ކުރަން ހުވަދޫ އަތޮޅުގެ ރަށްތަކުގައި ހުރި ގޮން ޖެހުންތައް އޮޅުން ފިލުވުމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ހުވަދު އަތޮޅު ދެކުނުބުރީގެ ރައްތަކަށް ޒިޔާރަތް ކުރައްވައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ޓީމަކާއި އަދި ފެނަކަ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދާއި އެކު ހުވަދު އަތޮޅު ދެކުނުބުރީގެ ނަޑެއްލާ ފިޔަވާ ހުރިހާ ރަށަކަށް މިމަހުގެ 7 އިން 10 އަށް ވަނީ ޒިޔާރަތް ކޮށްފައެވެ. މި ޒިޔާރަތުގައި ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއި ބައްދަލުކޮށް އެ ރަށްތަކުގައި ރަށު ފަތުރުވެރިކަން ތަރައްްޤީ ކުރުމަށް ހުރި ގޮން ޖެހުންތައް ވަނީ އޮޅުން ފިލުވާފައެވެ.

ހުވަދު އަތޮޅު ދެކުނުބުރީގެ ރައްތަކުން މައިގަނޑު ތިން މައްސަލައެއް މިނިސްޓްރީގެ ޓީމާއި ވަނީ ހިއްސާކޮށްފައެވެ. ފުރަތަމަ މައްސަލައަކީ ހުވަދު އަތޮޅުގައި ބައިނަލްއަޤްވާމީ އެއާޕޯޓެއް ނެތުމުގެ މައްސަލައެވެ. ދެވަނަ މައްސަލައަކަށް ޑޮމެސްޓިކް ފްލައިޓުތަކުގެ ޙަރަދު ބޮޑުވުމާއި ފަތުރުވެރިން ގެންނަ ސާފު ބޯޑު ފަދަ ތަކެތި ނުއުފުލުމުގެ މައްސަލަ ވަނީ ފާހަގަ ކޮށްފައެވެ. މިއާއެކު މިފަދަ ތަކެތި ގެނައުމަށް ބޮޑު ޙަރަދެއް ކުރަން ޖެހޭކަން އެ ރަށްތަކުން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ރަށުގައި އުފައްދާ ތަކެތި ރިސޯޓުތަކަށް މާކެޓު ކުރަން ރަނގަޅު ގުޅުމެއް އުފެދިފައި ނެތުމުގެ ސަބަބުން އެފަދަ ކަންކަން ވެސް ކުރިއަށް ނުދާކަން މިރަށްތަކުން ވަނީ ފާހަގަކޮށްފައެވެ.

ސަރުކާރުން މިއަހަރުގެ ނިޔަލަށް ކަނޑައަޅާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން ލޯކަލް ޓުއަރިޒަމް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތް ވަނީ ހިމަނާފައެވެ. މީގެ ތެރެއިން "ޓުއަރިޒަމް ޑައިވާސިފިކޭޝަން ލޯކަލައިޒޭޝަން" ޕްރޮޖެކްޓް އުފެދި އެކްޝަން ޕްލޭންގައި މިކަން ކުރުމަށް ލަނޑުދަނޑިތަކެއް ކަނޑައެޅި އެކަމަށް މަސައްކަތް ދަނީ ކުރެވެމުންނެވެ.

މިމަސައްކަތުގެ ދަށުން ރައްރަށުގައި ރަށު ފަތުރުވެރިކަން ތަރައްޤީ ކުރުމަށްޓަކައި ކައުންސިލްތަކުން އެދޭ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ރަށުގެ ލޭންޑް ޔޫޒް ޕްލޭން އެކުލަވާލުމުގައި އެހީވެ ދިނުމާއި، ޒުވާނުންނާއި އަންހެނުން މިދާއިރާއަށް ނެރުމަށް ތަމްރީން ދިނުމަށް ހިންގަން ޖެހޭ ޕްރޮގްރާމްތައް މިނިސްޓްރީގެ ދަށުން ދަނީ ފެސިލިޓޭޓްކޮށްދެމުން ކަމަށް މިނިސްޓްރީން ބުނެއެވެ.