މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުންނާއި ލަގެޖް އެއާޕޯޓަށް ގެންދިއުމަށް އާބަންކޯގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
އެކުންފުނިން މިކަން ހާމަކޮށް ވިދާޅުވީ، ރާއްޖެއިން ހައްޖަށް ދާ ފަރާތްތަކުގެ ދަތުރުގައި އެހީތެރިވުމަށް އަރބަންކޯއިން ދަތުރުވެރިން އެއާޕޯޓަށް އުފުލައިދޭން ފަށައިިފައިވާ ކަމަށެވެ. މިގޮތުން މި އަހަރު ހައްޖުގެ މާތް އަޅުކަމަށް ރާއްޖެއިން ފުރާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާ ހަމައަށް އެ ފަރާތްތަކުގެ ލަގެޖާއި، ދަތުރުވެރިން އެއާޕޯޓަށް ގެންގޮސްދިނުމުގެ ޚިދުމަތް އަރބަންކޯއިން އަންނަނީ ދެމުންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.
އެހެން އަހަރު ތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ހައްޖުގެ މާތްއަޅުކަމަށް ފުރާވަޑައިންނަވާ ބޭފުޅުންނަށް އެހީތެރިވުމުގެ މަސައްކަތް އަޅުގަނޑުމެން އެބަކުރަން. އެގޮތުން ހައްޖާޖީންނަށް ލަގެޖު އުފުލުމުގައި އަޅުގަނޑުމެން މިގެންދަނީ އެހީތެރިވަމުން. ހައްޖުވެރިންނަށް އެހީތެރިވުމަކީ މި… pic.twitter.com/DvllSu2A0T
— Urbanco (@hdcmaldives) June 11, 2023
އެކުންފުނިން މިވަގުތު އުފުލައި ދިނުމަށް ނިންމާފައިވަނީ ހައްޖު ކޯޕަރޭޝަނާއި، ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް، އަލްމަނާސިކް އަދި އަލްހަރަމައިން ގެ ހައްޖުވެރިންނާއި ލަގެޖެވެ. އެގޮތުން ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިން ގެންދަނީ ޖުމްލަ 3 ދުވަހުއެވެ. އޭގެ ތެރޭގައި މިއަދު 243 ހައްޖުވެރިން އަދި 16 ވަނަ ދުވަހު އާއި 19 ވަނަ ދުވަހު 243 ހައްޖުވެރިން ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ހައްޖުގެ މާތް އަޅުކަމުގައި ބައިވެރިވާ ފަރާތްތަކަށް އެ ކުންފުނީގެ ފަރާތުން އެހީއެއްގެ ގޮތުގައި ދަތުރު ހަމަޖައްސައިދެވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އާބަންކޯއިން ބުނެއެވެ. މީގެ ކުރިންވެސް އާބަންކޯއިން ހައްޖަށްދާ މީހުންނާއި ލަގެޖް އުފުލުމުގައި އެހީވެ ދީފައިވެއެވެ.