Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

"ދަ ޑިމޮކްރެޓްސް" ޖަގަހައަށް ކަޅުތެޔޮ ޖަހައިފި

ދަ ޑިމޮކްރެޓްސްއިން ބޭނުން ކުރަމުންދާ ޖަގަހައަށް ބަޔަކު ކަޅުތެޔޮ ޖަހައިިފިއެވެ.

މި ހާދިސާގައި ކަޅުތެޔޮ ޖަހާފައިވަނީ ދަ ޑިމޮކްރެޓްސް ޖަގަހަ ހިނގަމުންދާ އާޓިފިޝަލް ބީޗު ކުރިމަތީ ހުންނަ ހ. ވެޔޮވިލާގޭގައި ބޭރުގައި ހުރި އެ ޕާޓީ ބޯޑަށް އަމާޒުކޮށް ކަމަށް ބެލެވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކަޅުތެޔޮ ޖެހީ ސައިކަލަކުން ދިޔަ ބައެކެވެ.

ކަޅުތެޔޮ ޖެހި ވަގުތު އެ ސަރަހަދުގައި އެ ޕާޓީއަށް ތާއީދުކުރާ ފަރާތްތައް ވެސް ދިޔައީ ހަރަކާތްތެރި ވަމުންނެވެ. އެގޮތުން ބައެއް ފަރާތްތަކުގެ ގަޔަށް ކަޅުތެޔޮ ގޮސްފައިވާއިރު މީގެ ތެރޭ ވިލިފުށީ ދައިރާގެ މެންބަރު ހަސަން އަފީފްވެސް ހިމެނެއެވެ.

ދަ ޑިމޮކްރެޓްސް އަކީ ރައީސް ނަޝީދަށް ތާއިދު ކުރައްވާ ފަރާތްތަކުން އުފައްދަވަން މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީއެކެވެ. ދަ ޑިމޮކްރެޓްސް' އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ 2023 މެއި 24 ވަނަ ދުވަހުއެވެ. ހަފްތާއެއްގެ ތެރޭގައި ޕާޓީ އުފެއްދުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަކޮށް ޖޫން 1 ގައި 3560 ފޯމު އެ ޕާޓީން އީސީއަށް ހުށަހަޅާފައިވެއެވެ.

އޭގެފަހުން އެ ޕާޓީގެ ހަރަކާތްތައް ހިނގުމަށް ޖަގަހައެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަނީ ކުރިން އެމްޑީޕީ މައި ހަރުގެ ހިންގި ހ. ވެޔޮވިލާގޭގައި ހުންނަ ޖަގަހައެވެ. އެތަން ސާފުކޮށް ބޭނުން ކުރަން ފަށާފައިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.