Last Updated: July 15, 18:06
Wednesday, July 15, 2026
ކުޅިވަރު

ޕީއެސްޖީގެ ކޮންޓްރެކްޓް އެމްބާޕޭ އާނުކުރާނެ

ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް އިތުރު އަހަރަކަށް އާނުކުރަން އެ ކްލަބުގެ ފްރާންސް ފޯވާޑް ކިލިއަން އެމްބާޕޭ ނިންމައިފި އެވެ.

އެމްބާޕޭ ،24، ޕީއެސްޖީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ އަންނަ ސީޒަނަށްފަހު އެވެ. އަދި ކޮންޓްރެކްޓް އިތުރު އަހަރަކަށް ދަންމާލުމުގެ އިހުތިޔާރު އެމްބާޕޭ އަށް ލިބިފައި އޮތް ނަމަވެސް އޭނާ މިހާރު ވަނީ ކޮންޓްރެކްޓް އާނުކުރާނެކަން ސިޓީ އަކުން ޕީއެސްޖީ އަށް އަންގައިފަ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އަންނަ ސީޒަނަށްފަހު އެމްބާޕޭ ހިލޭ ޓްރާންސްފާއެއްގައި އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު ނުދިނުމަށްޓަކައި މި ޓްރާންސްފާ މާކެޓުގައި ޕީއެސްޖީން ބޮޑު އަގެއްގައި އެމްބާޕޭ ވިއްކާލުމަކީ ގާތް ކަމެކެވެ. ޕީއެސްޖީން އެމްބާޕޭ ވިއްކާލުމަށް 100 މިލިއަނަށް ވުރެ ބޮޑު އަގެއް ކިޔާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ޓްރާންސްފާ މާކެޓުގައި އެމްބާޕޭ ޕީއެސްޖީ ދޫކޮށްލައިފި ނަމަ ދެން އޭނާ ފެނުން އެންމެ ގާތީ ރެއާލް މެޑްރިޑުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެމްބާޕޭ ޕީއެސްޖީގެ ކޮންޓްރެކްޓް އާކުރުމުގެ ކުރިން އެމްބާޕޭ ގެންނަން ރެއާލުން ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވެ އެވެ.

ރެއާލްގެ އިތުބާރު ފޯވާޑް ކަރީމް ބެންޒެމާ އެ ކްލަބް ދޫކޮށް ސައުދީ އަރަބިއްޔާގެ ކްލަބަކަށް ބަދަލުވެފައިވާއިރު އެމްބާޕޭ ހޯދުމުގެ މަސައްކަތް އަލުން ރެއާލުން ފެށުމަކީ އެކަށީގެންވާ ކަމެކެވެ.

މިދިޔަ ސީޒަނުގައި ޕީއެސްޖީ އަށް ކުޅެދިން 34 މެޗުގައި 29 ގޯލު ކާމިޔާބުކޮށް އެ ކްލަބަށް ފްރެންޗް ލީގު ހޯދައިދިނުމުގައި އެމްބާޕޭ މުހިއްމު ދައުރެއް އަދާކޮށްފައިވެ އެވެ. މިދިޔަ ސީޒަނަށްފަހު ޕީއެސްޖީ އަށް ކުޅެމުން އައި އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ ވަނީ އެ ކްލަބް ދޫކޮށްލާފަ އެވެ. މެސީ ދެން ފެންނާނީ އެމެރިކާ ލީގުގެ ކްލަބެއް ކަމަށްވާ އިންޓަ މަޔާމީންނެވެ. ޕީއެސްޖީގެ ބްރެޒިލް ފޯވާޑް ނޭމާގެ ކުރިމަގާ މެދު ވެސް ގިނަ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.