Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ޝާހްރުކް ހުރީ ދަރިފުޅުގެ ފިލްމު ބަލާ ހިތުން

އަންހެން ދަރިފުޅު ސުހާނާ ޚާންގެ ފުރަތަމަ ފިލްމު "ދި އާޗީސް" ބަލާހިތުން ހުރި ކަމަށް ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާން ބުނެފި އެވެ.

ނެޓްފްލިކްސްއާ ގުޅިގެން ޑައިރެކްޓަރު ޒޯޔާ އަޚްތަރު ހަދާފައިވާ ފިލްމުގެ އާ ޕޯސްޓަރެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށް، ޝާހްރުކް ވަނީ އޭނަ އަކީ އާޗީ ކޮމިކްގެ ވަރަށް ބޮޑު ފޭނެއް ކަމަށް ބުނެފަ އެވެ. އެގޮތުން އޭނަގެ އެންމެ ޒުވާން ދުވަސްވަރު އާޗީ ކޮމިކް ވާހަކަތައް ކުއްޔަށް ހޯދައިގެން ކިޔާފައިވާ ކަމަށާއި އެއީ ވަރަށް ހިތްގައިމު ހަނދާންތަކެއް ކަމަށް ބުނެފައިވެ އެވެ.

އަދި ޒޯޔާގެ "ދި އާޗީސް" ގައި އާޗީގެ ކޮމިކްގެ ކެރެކްޓާއެއް ކަމަށްވާ ބިގް މޫސް ވެސް ހިމެނޭނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެ ފިލްމުގެ މުޅި ޓީމަށް ކާމިޔާބީއެއް އެދޭ ކަމަށް ބުނެފައިވެ އެވެ.

ޝާހްރުކް ކުޅުނު "ޑޮން" އާއި "ޑޮން 2" ގެ ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ ދައްތަ ޒޯޔާ ޑައިރެކްޓްކުރި ފިލްމަކުން ދަރިފުޅު ސުހާނާ ރަސްމީކޮށް އެކްޓިން ކެރިއަރު ފަށައި، ދަރިފުޅުގެ ފުރަތަމަ ފިލްމު ވަރަށް އަވަހަށް ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވާތީ ޝާހްރުކް ވަނީ ބައްޕައެއްގެ ހައިސިއްޔަތުން އެކަމާ ވަރަށް ފަހުރުވެރިވާ ކަމަށާއި "ދި އާޗީސް" ބަލާހިތުން މިހާރު ކެތްމަދުވެފައި ހުރި ކަމަށް "އާސްކް އެސްއާރްކޭ" ގެ ނަމުގައި ޓްވިޓާގައި ކުރިއަށް ގެންދިޔަ ސުވާލާއި ޖަވާބު ސެޝަނެއްގައި ވެސް އިއްޔެ ބުނެފަ އެވެ.

"ދި އާޗީސް" އަކީ ހުޅަނގުގެ މަގުބޫލު ކޮމިކް ވާހަކަ އާޗީ އަށް ބިނާކޮށް ޒޯޔާ، ވަރަށް ޒުވާން ކާސްޓަކާ އެކީ ގެނެސްދޭ ފިލްމެކެވެ. މިއިން ސުހާނާގެ އިތުރުން ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު އަންހެން ދަރިފުޅު ހުޝީ ކަޕޫރާއި އަމީތާބް ބައްޗަންގެ ކާފަދަރި، އަގަސްޓިއާ ނަންދާ ވެސް ތައާރަފުވެގެން ދާނެ އެވެ.

"ދި އާޗީސް" އަކީ ބޮލީވުޑްގެ ވަރަށް ގިނަ ފޭނުން އިންތިޒާކުރަމުން އަންނަ އެއްޗެކެވެ. އެކަމަކު އަދި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އިއުލާނެއް ނުކުރެ އެވެ.