ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ގޮތެއް ކަނޑަނޭޅޭތީ މަޖިލީހުގެ މިއަދުގެ ޖަލްސާ މިވަގުތު ކުރިއަށް ގެންދެވެން ނެތްކަމަށް މަޖިލީހުގެ އިދާރާއިން އަންގައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވާގޮތުން ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަންޖެހޭނީ މަޖިލީހުގެ ރައީސް ކަމަށެވެ.
އެހެންކަމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށް އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް އިއްޔަ ފޮނުވި ސިޓީއަކުން ދަންނަވާފައިވާ ކަމަށް ނިޔުޝާ ވިދާޅުވިއެވެ.
އެހެންނަމަވެސް މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާމެދު ވަކިގޮތެއް ނުނިންމެނީސް މަޖިލިސް ގަވައިދުގެ 215 ވަނަ މާއްދާގެ (ބ) ގެ ދަށުން ނައިބު ރައީސް ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު އެޖެންޑާކުރާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އުޒުރުވެރިވެވަޑައިގަންނަވާކަން 12 ޖޫންގައި ފޮނުވި ސިޓީފުޅުގައި އަންގަވާފައިވާ ކަމަށްވެސް ނިޔުޝާ ވިދާޅުވިއެވެ.
"އެހެންކަމުން މިއަދުގެ މި ޖަލްސާ ރިޔާސަތު ބެލެހެއްޓުމާ ގުޅޭގޮތުން ގޮތެއް ކަނޑަނޭޅެނީސް މިވަގުތު މި ޖަލްސާ ކުރިއަށް ގެންދެވެން ނެތްވާހަކަ އިއްޒަތްތެރި މެންބަރުންނަށް ދަންނަވާލަން." އަމީން އާންމު ވިދާޅުވިއެވެ.
ސަރުކާރު ހިންގާ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ކަހަލަގޮތަކަށް ހުހަހަޅާފައި އޮތުމުން އެ ދެ މައްސަލަ ކުރިއަށް ނުގެންދެވި ވަނީ މަޖިލިސް ހުއްޓުމަކަށް އައިފައެވެ. މަޖިލިސް ގަވައިދުގައި ބުނެފައިވަނީ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރިޔާސަތު ބަލަހައްޓާނީ ރައީސް ކަމަށާއި އަދި ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރިޔާސަތު ބަލަހައްޓާނީ ނައިބު ރައީސް ކަމަށެވެ. އެ ދެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގެ ޖަލްސާގައި އެހެން މަސައްކަތްތައް ކުރުމުގެ ފުރުސަތު އެމްޑީޕީގެ މެންބަރުން ނުދިނުމުގެ ގޮތުން ޖަލްސާތަކުގައި ނިޒާމީ ނުކުތާނަގައި އަޑުގަދަކޮށް ހަދައެވެ. މިފަހުން ބޭއްވި ޖަލްސާތަކުގައި އެހެން ދިމާވުމުން މަޖިލީހުގެ ރިޔާސަތުން މަޖިލިސް ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅުއްވައި ޖަލްސާ ނިންމަވާލައްވަނީއެވެ.
މަޖިލީހުގެ ކޮމިޓީތައްވެސް ހުއްޓުމަކަށް އައިސްފައިވާއިރު ކޮމިޓީތައް އެކުލަވާނުލެވި އޮތީ ޕާޓީތަކަށް އެކަމުގައި އެއްބަސްވުމަކަށް ނާދެވުމުންނެވެ. ޕާޓީތަކުގެ މެންބަރުންގެ އަދަދަށް ބަދަލު އައުމުން ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް ކުރަންޖެހިފައިވާއިރު އެމްޑީޕީގެ މެންބަރުން ބުނަނީ ކޮމިޓީތައް އެކުލަވާލުމުގެ ކަންކަން ކުރިއަށް ގެންދިޔަ ނަމަވެސް ކޮމިޓީ ބައްދަލުވުންތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި މަޖިލީހުގެ ގަވައިދު އޮތީ ކޮމިޓީ ބައްދަލުވުންތައް ހުއްޓާލެވޭ ގޮތަށް ނޫންކަމަށެވެ.