ދާދި ފަހުން ޝޫޓިން ނިންމައިލި ފިލްމު "އިމަޖެންސީ" ކުޅެން އާންމުކޮށް ކަސްތަރު ކުރުން ހުއްޓާލާފައި އޮންނަތަނާ ދެ އަހަރު ފަހުން އިންޑިއާގެ ބަތަލާ ކަންގަނާ ރަނާވަތު އަލުން ކުރީގެ ކަސްރަތު ރޫޓިން އަށް ރުޖޫއަވެއްޖެ އެވެ.
އޭނަ މިއަދު ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނީ ކަސްރަތު ހުއްޓައިލީ ޑައިރެކްޓްކޮށް، ކުޅުނު ފިލްމުގައި އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލަށް ކަމަށެވެ. ނަމަވެސް ދެ އަހަރު ފަހުން މިއަދު އަލުން ކުރީގެ ކަސްރަތު ރޫޓިން އަށް އެނބުރި އައީ ކަމަށް ބުންޏެވެ.
އެގޮތުން މިހާރު އަނެއްކާ ވެސް ތައްޔާރު ވަނީ އެކްޝަން ފިލްމަކަށް ހަށިގަނޑު ތައްޔާރުކުރަން ކަމަށް ބުންޏެވެ.
ނަމަވެސް އެ ފިލްމާ ބެހޭ އިތުރު އެއްވެސް ވާހަކައެއް ކަންގަނާ ހިއްސާއެއް ނުކުރެ އެވެ. މިދިޔަ އަހަރުގެ "ދާކަޅް" އަކީ ވެސް އޭނަ ވަރަށް ވަރުގަދަ އެކްޝަން ރޯލަކުން ފެނުނު ފިލްމެކެވެ. އެކަމަކު އެ ފިލްމަކީ ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާގެ ކެރިއަރުގެ އެންމެ ބޮޑު އެއް ޕްލޮޕެވެ.
ކަންގަނާ، 36، ގެ "އިމަޖެންސީ" މި އަހަރުގެ އޮކްޓޯބަރުގައި ގެނެސްދޭން ތާވަލުކޮށްފައި އޮތް އިރު، އޭނަގެ ކުރިއަށް ހުރި ޕްރޮޖެކްޓަކުގެ ތެރޭގައި ވަތަނީ ފިލްމު "ތޭޖާސް" އާއި ތަމަޅަ ސުޕަނެޗްރަލް ފިލްމު "ޗަންދުރަމުކީ 2" ގެ އިތުރުން ހުރާފީ ފިލްމު "ސީތާ: ދި އިންކާނޭޝަން" ހިމެނެ އެވެ.