ށ. ނަރުދޫ ބަނދަރު މަސައްކަތް ބާރަށް ކުރިއަށް ދާކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ، ށ. ނަރުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތް ވަނީ ފެށިފައި ކަމަށެވެ. އަދި، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު 23 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 51212 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 4120 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 371 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 205 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 210 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 955 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ށ. ނަރުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 41.34 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.