ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އުފެއްދުމަށް ހުށަހަޅާފައިވާ "ދަ ޑިމޮކްރެޓްސް" ޕާޓީގެ ޖަގަހައަށް ބަޔަކު ކަޅުތެޔޮ ޖެހި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
އާޓިފިޝަލް ބީޗު ކުރިމަތީ ހުންނަ ހ. ވެޔޮވިލާގޭގައި ދަ ޑިމޮކްރެޓްސް ގެ ޖަގަހަ ހިނގަމުންދާއިރު ކަޅުތެޔޮ ޖަހާފައިވަނީ ރޭގެ ވަގުތެއްގައެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ "ދަ ޑިމޮކްރެޓްސް"ގެ ހަރަލާތްތައް ހިންގާ ޖަގަހައަށް ކަޅުތެޔޮ ޖެހި މައްސަލަ ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ބުނެފައިވެއެވެ. އަދި މިމައްސަަލ ފުލުހުން ތަހުުގީގު ކުރަމުން ގެންދާކަމަށްވެސް ވަނީ ބުނެފައެވެ.
ޖަގަހައިގެ ބޭރު ނަން ބޯޑަށް އަމާޒުކޮށް ކަޅުތެޔޮ ޖަހާފައިވަނީ އެ ސަރަހައްދުން ސައިކަލުގައި ދިޔަ ބައެއް ކަމަށް މައުލުމާތު ލިބިފައިވެއެވެ. ކަޅުތެޔޮ ޖެހިވަގުތު ޖަގަހައިގައި އެ ޕާޓީއަށް ތާއީދުކުރާ ބައެއް ފަރާތްތައް ތިބުމުން އެ ފަރާތްތަކުގެ ގަޔަށްވެސް ތަޅުތެޔޮ ގޮސްފައިވެއެވެ.