ބޮލީވުޑްގެ ތަރި ޝާހްރުކް ޚާން ސިނގިރެޓް ބުއިން ހުއްޓާ ނުލާ ކަމަށް ބުނެފި އެވެ.
ޓްވިޓާގައި "އާސްކް އެސްއާރްކޭ" ގެ ނަމުގައި އިއްޔެ ކުރިއަށް ގެންދިޔަ ސުވާލާއި ޖަވާބު ސެޝަންގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލައިފިންތޯ ފޭނަކު ކުރި ސުވާލެއްގެ ޖަވާބުގައި 57 އަހަރުގެ އެކްޓަރު ބުނީ އެކަމާ ބެހޭ ގޮތުން ކުރިން ހެނދުނީ ދޮގެއް ކަމަށެވެ. އަދި އޭނަ ހުރީ ދުންގަނޑެއް ވަށާލައިގެން ކަމަށް ބުނެފައިވެ އެވެ.
ގިނަ ބަޔަކު ނަމޫނާއަކަށް ބަލާ ޝާކްރުކް ސިނގިރެޓް ބޯތީ އެކަން ހުއްޓާލަން މީގެ ކުރިން ވަރަށް ގިނަ ބަޔަކު އެދިފައިވެ އެވެ. އަދި އެކަމާ ދުރުވި ކަމަށް ވެސް އޭނަ ބުނެފައިވެ އެވެ. އެކަމަކު އިއްޔެ ޝާހްރުކް ދިން ޖަވާބުން އެނގުނީ އާދަވެ، ކަށީގައި ހިފާފައިވާ އެ އަމަލުން އޭނަ ދުރުނުވާކަމެވެ.
Yes he lied, surrounded by a thick plume of smoke from his cancer stick!!! https://t.co/GmKlXV296K
— Shah Rukh Khan (@iamsrk) June 12, 2023
ދުންފަތާ ގުޅުން ހުރި އުފެއްދުންތައް ޝާހްރުކް ކުރިން އިޝްތިހާރުކޮށް ދީފައިވާތީ ވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.
ބޮލީވުޑްގެ މަޝްހޫރު އެކްޓަރުންގެ ތެރެއިން ސަލްމާން ޚާނާއި އަޖޭ ދޭވްގަނަކީ ވަރަށް ގަދައަށް ސިނގިރެޓް ބޯ ދެ އެކްޓަރުންނެވެ. ނަމަވެސް ވަރަށް ގިނަ ބަޔަކު ރޯލް މޮޑެލުންގެ ގޮތުގައި ދެކޭ ތަރިން، ސިއްހަތަށް ގެއްލުން ހުރި އެފަދަ ކަމެއް ހުއްޓާނުލާތީ އަބަދު ވެސް ފޭނުންގެ ފަރާތުން ފާޑުކިޔުންތައް އަމާޒުވެ އެވެ.