Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

މަޖިލިސް ކުރިއަށް ގެންދަން އަމީންއާންމު ލަފާދެއްވި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ނިޒާމުގެ ތެރޭގައި ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖައްސަވައި ދެއްވުމަށް އަމީން އާންމު ފާތިމަތު ނިޔުޝާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކިބައިން އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީން އާންމު ވިދާޅުވީ މިއަދުގެ ޖަލްސާގައި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކޮށްފައި އޮތުމުން މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް އިއްޔަ ސިޓީއަކުން ދަންނަވާފައިވާ ކަމަށެވެ.

އެ ސިޓީގައި އަމީން އާންމު ވިދާޅުވީ ނައިބު ރައީސްގެ މައްސަލައިގެ ނޯޓިސް 8 ޖޫން އަށް ހަމަވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބާއްވާ ޖަލްސާއަކީ 11 ޖޫންގައި ބާއްވަންޖެހޭ ޖަލްސާއެއް ކަމަށްވީނަމަވެސް އެ ޖަލްސާ ބޭއްވިފައި ނުވަނީ، މިހާތަނަށް މަޖިލީހުގައި އަމަލުކޮށްފައިވާ އުސޫލާ އެއްގޮތަށް އެ ޤަރާރުގެ ޖަލްސާގައި ވާހަކަ ދައްކާނެ މެންބަރުންގެ އަދަދާއި، މެންބަރުން ވާހަކަ ދައްކާނެ ދިގުމިނާއި ނައިބު ރައީސް ދިފާއުގައި ވާހަކަ ދެއްކުމަށް ލިބޭނެ ފުރުސަތުގެ އަދަދާއި އެ ފުރުސަތުގެ ދިގުމިން އެ ތާރީހާ ހަމައަށްވެސް އާންމު ކޮމިޓީން ކަނޑައެޅިފައި ނުވާތީ ކަމަށެވެ.

އަމީން އާންމު ވިދާޅުވެފައިވަނީ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ކޮމިޓީތައް އެކުލަވާނުލެވި އަދި ކޮމިޓީ މަސައްކަތްތައް ކުރިއަށް ނުގޮސް އޮތުމަކީ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ޖަލްސާއަށް ހުށަނޭޅި މަޑުޖެއްސިދާނެ ސަބަބެއް ކަމަށް ނުފެންނަކަމަށެވެ.

މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ބާއްވާ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަންޖެހޭނީ މަޖިލީހުގެ ރައީސް ކަމަށް ގަވައިދުގައި ބުނެފައިވާއިރު ރައީސް ނަޝިދު ވަނީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި އޮތުމުން ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވާކަން ހާމަކުރައްވާފައެވެ. އެހެންކަމުން މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ މަޝްވަރާއާ އެކު އަމީން އާންމު ވަނީ ނައިބު ރައީސްގެ މައްސަލަ ކުރިއަށް ގެންދެވިދާނެ ކަމަށް ފެންނަ ގޮތްތަކެއް ރައީސް ނަޝީދަށް ފޮނުއްވި ސިޓީގައި ހިއްސާ ކުރައްވާފައެވެ.

ޖަލްސާ ކުރިއަށް ގެންދަން އަމީން އާންމު ލަފާދެއްވި 3 ގޮތް:

1) ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވާހަކަ ދައްކާނެ މެންބަރުންގެ އަދަދު، ފުރުސަތުގެ އަދަދު އަދި ދިގުމިން އާންމު ކޮމިޓީން ކަނޑައެޅުން އަވަސް ކުރުމަށް، މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކާއި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުން ހިމެނޭ ނިސްބަތަށް އައި ބަދަލާ ގުޅޭގޮތުން މަޖިލީހުން ގޮތެއް ކަނޑައެޅުމަށް އެންމެ އަވަހަށް އޮންނަ މަޖިލީހުގެ އާންމު ޖަލްސާއަކަށް އެޖެންޑާ ކުރުމާއެކު، ނައިބު ރައީސްގެ މަގާމުން ވަކިކުރުމުގެ ޤަރާރު ހުށަހެޅޭ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމުގެ މަސްއޫލިޔަތު މަޖިލީހުގެ ރައީސް އެހެން ފަރާތަކާ ހަވާލުކުރުން.
2) ނައިބު ރައީސް ވަކިކުރުމުގެ ޤަރާރު ހުށަހެޅުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމުގެ މަސްއޫލިޔަތު މަޖިލީހުގެ ގަވައިދާ އެއްގޮތަށް މަޖިލީހުގެ ރައީސް އެހެން ފަރާތަކާ ހަވާލު ކުރެއްވުން. އަދި އެ ޖަލްސާގައި އެ މައްސަލައިގެ ބަހުސް ވަގުތާއި އަދަދު މަޖިލީހުން ކަނޑައަޅައި ގަރާރު ކުރިއަށް ގެންދިއުން.
3) ނައިބު ރައީސްގެ މައްސަލަ ހުށަހެޅޭ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމާއި، ޤާރާރުގެ ބަހުސް ކުރިއަށް ގެންދާނެ ގޮތަާމެދު މަޖިލީހުން ގޮތެއް ކަނޑައެޅުމަށް މަޖިލީހުގެ އާންމު ޖަލްސާއަށް މަޖިލީހުގެ ރައީސް އެކަން އެޖެންޑާ ކޮށްދެއްވުން.

މި ސިޓީގައި އަމީން އާންމު ވަނީ އެކަމަނާގެ މަސްއޫލިޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

އަދި މަޖިލީހަށް މިހާރު ލިބިފައިވާ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ޤާރާރުގެ މަސައްކަތް މަޖިލީހުގެ ނިޒާމުގެ ތެރޭގައި ނުހުއްޓި ގެންދެވޭނެގޮތެއް ހަމަޖައްސައިދިނުމަށްވެސް އަމީން އާންމު ވަނީ ރައީސް ނަޝީދުގެ ކިބައިން އެދިވަޑައިގެންފައެވެ.