ބޮލީވުޑްގެ ޒުވާން ތަރިން ކަމަށްވާ ވަރޫން ދަވަނާއި ޖާންވީ ކަޕޫރް އެކީގައި ކުޅުނު ފުރަތަމަ ފިލްމު "ބަވާލް" ސިނަމާތަކަށް ނުގެންނަން ނިންމައި ޑިޖިޓަލްކޮށް ޕްރީމިއާކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ އަހަރު ޝޫޓިން ނިންމާފައި އޮތް މި ފިލްމަކީ ކުރިން މި އަހަރުގެ އެޕްރީލް 7 ގައި ސިނަމާތަކަށް ގެންނަން ޕްލޭންކޮށްފައި ވަނިކޮށް ފަހުން އޮކްޓޯބަރު 6 އަށް ފަސްކުރި އެއްޗެކެވެ. ނަމަވެސް ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ޕްރޮޑިއުސަަރު ސާޖިދު ނަދިއަދުވާލާ އާއި ޑައިރެކްޓަރު ނިތޭޝް ތިވާރީ، ފިލްމުގެ ތަރިންނާ ވެސް މަޝްވަރާކުރުމަށް ފަހު އޮކްޓޯބަރު މަހުގެ ތެރޭގައި "ބަވާލް" ޑިޖިޓަލް ޕްރީމިއާއަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.
އެހެންވެ އެކަން ވަރަށް އަވަހަށް ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބަވާލް" ބޮޑު ސްކްރީނަށް ނުގެންނަން ނިންމި ކަމަށް ވާހަކަ ދެކެވޭ އިރު، އޮކްޓޯބަރަށް ތާވަލުކޮށްފައި ހުރި ބޮޑެތި ފިލްމުތަކުގެ ތެރޭގައި ކަންގަނާ ރަނާވަތުގެ "އިމަޖެންސީ" އާއި ޓައިގާ ޝްރޮފްގެ "ގަނަޕަތު: ޕާޓް 1" ގެ އިތުރުން ޝާހިދު ކަޕޫރާއި ކްރިތީ ސެނަންގެ ނަން އިއުލާން ނުކުރާ ފިލްމެއް ހިމެނެ އެވެ.
"ބަވާލް" އަކީ 2019 ގެ "ޗިޗޯރޭ" އަށް ފަހު ނިތޭޝް ގެނެސްދޭ ފުރަތަމަ ފިލްމެވެ. އޭނަ އަކީ އާމިރު ޚާންގެ 2016 ގެ "ޑަންގަލް" ވެސް ޑައިރެކްޓަރެވެ.