Last Updated: July 15, 18:06
Wednesday, July 15, 2026
ކުޅިވަރު

ރެއާލަށް ބަދަލުވާކަށް ނޫޅޭން: އެމްބާޕޭ

މި ޓްރާންސްފާ މާކެޓުގައި ރެއާލް މެޑްރިޑަށް ބަދަލުވާން މަސައްކަތް ނުކުރާ ކަމަށް ޕީއެސްޖީގެ ފްރާންސް ފޯވާޑް ކިލިއަން އެމްބާޕޭ ބުނެފި އެވެ.

އެމްބާޕޭ ،24، ޕީއެސްޖީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ އަންނަ ސީޒަނަށްފަހު އެވެ. ކޮންޓްރެކްޓް އިތުރު އަހަރަކަށް ދަންމާލުމުގެ އިހުތިޔާރު އެމްބާޕޭ އަށް ލިބިފައި އޮތް ނަމަވެސް އޭނާ މިހާރު ވަނީ ކޮންޓްރެކްޓް އާނުކުރާނެކަން ސިޓީ އަކުން ޕީއެސްޖީ އަށް އަންގައިފަ އެވެ.

އެއާއެކު މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އެމްބާޕޭ ޕީއެސްޖީ ދޫކޮށް ރެއާލަށް ބަދަލުވުމުގެ އަޑުތައް ގަދަވެފައިވާއިރު އެމްބާޕޭ ބުނީ އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އަންނަ ސީޒަނުގައި ވެސް ޕީއެސްޖީއާއެކު ކުރިއަށްދާނެ ވާހަކަ ކުރިން ވެސް ބުނެފައިވާނެ ކަމަށާއި އެ ކްލަބުގައި ހުރީ އުފަލުން ކަމަށްވެސް އެމްބާޕޭ ބުންޏެވެ.

ޕީއެސްޖީގައި ހުންނާނެ ކަމަށް އެމްބާޕޭ ބުނި ނަމަވެސް އަންނަ ސީޒަނަށްފަހު އެމްބާޕޭ ހިލޭ ޓްރާންސްފާއެއްގައި އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު ނުދިނުމަށްޓަކައި މި ޓްރާންސްފާ މާކެޓުގައި ޕީއެސްޖީން ބޮޑު އަގެއްގައި އެމްބާޕޭ ވިއްކާލުމަކީ ގާތް ކަމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. ޕީއެސްޖީން އެމްބާޕޭ ވިއްކާލުމަށް 100 މިލިއަނަށް ވުރެ ބޮޑު އަގެއް ކިޔާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރެއާލްގެ އިތުބާރު ފޯވާޑް ކަރީމް ބެންޒެމާ އެ ކްލަބް ދޫކޮށް ސައުދީ އަރަބިއްޔާގެ ކްލަބަކަށް ބަދަލުވެފައިވާއިރު އެމްބާޕޭ ހޯދުމުގެ މަސައްކަތް އަލުން ރެއާލުން ފެށުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

މިދިޔަ ސީޒަނުގައި ޕީއެސްޖީ އަށް ކުޅެދިން 34 މެޗުގައި 29 ގޯލު ކާމިޔާބުކޮށް އެ ކްލަބަށް ފްރެންޗް ލީގު ހޯދައިދިނުމުގައި އެމްބާޕޭ މުހިއްމު ދައުރެއް އަދާކޮށްފައިވެ އެވެ. މިދިޔަ ސީޒަނަށްފަހު ޕީއެސްޖީ އަށް ކުޅެމުން އައި އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ ވަނީ އެ ކްލަބް ދޫކޮށްލާފަ އެވެ. މެސީ ދެން ފެންނާނީ އެމެރިކާ ލީގުގެ ކްލަބެއް ކަމަށްވާ އިންޓަ މަޔާމީންނެވެ. ޕީއެސްޖީގެ ބްރެޒިލް ފޯވާޑް ނޭމާގެ ކުރިމަގާ މެދު ވެސް ގިނަ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.