Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ހިޔާ ސަރަހައްދަށް ޒަމާނީ 2 ފުޓްސަލް ދަނޑު

ހުޅުމާލެ ފޭސް 2 ގައި ފުޓްސަލް ދަނޑުތައް ތަރައްޤީ ކުރާ ސަރަހައްދު / ފޮޓޯ: އާބަންކޯ

ހުޅުމާލެ ފޭސް 2 ގެ ހިޔާ ސަރަހައްދުގައި ރަނގަޅު ފެންވަރުގެ 2 ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

މިމަސައްކަތް ފަށާފައިވާކަން އާބަންކޯއިން ހާމަކޮށްފައިވާއިރު، މިމަސައްކަތް ކުރިއަށްދަނީ ފޭސް 2 ވަގުތީ ފުޓްސަލް ދަނޑު ހުރި ސަރަހައްދުގައެވެ. މިމަސައްކަތް ޔޫތު މިނިސްޓްރީން ހާވާލުކޮށްފއިވަނީ ޒެބޮކް ކުންފުންޏާއިއެވެ. ޒަމާނީ ފެންވަރުގެ ދެ ފުޓްސަލް ދަނޑު ތަރައްޤީ ކުރަން މިނިސްޓްރީން ހަވާލުކޮށްފައިވަނީ 4.2 މިލިއަން ރުފިޔާއަށެވެ. އަދި މަސައްކަތް ހަވާލުކޮށްފައިވަނީ 55 ދުވަހުގެ ތެރޭ ނިންމުމަށް ކަމަށް އާބަންކޯއިން ބުނެއެވެ.

މިމަސައްކަތް ޢަމަލީގޮތުން މިހާރު ފެށިފައިވާއިރު އާބަންކޯއިން ބުނީ، ހުޅުމާލޭ ފޭސް 2 ހިޔާ ސަރަހައްދުގައި ގިނަ އަދަދެއްގެ ރައްޔިތުންތަކެއް މިހާރު ދިރިއުޅެމުން ދާއިރު، މި ސަރަހައްދުގައި ގިނަ ހިދުމަތްތަކާއި ވަސީލަތްތައް ތަރައްޤީ ކުރުމަށް ސަރުކާރާއި އެކުންފުންޏާއި ގުޅިގެން މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އަދި މި ދަނޑުތައް އެޅުމުން އެސަރަހައްދުގައި ދިރިއުޅޭ ކުދި ބޮޑު އެންމެހާ ފަރާތްތަކަށް ވެސް ކުޅިވަރު ކުޅުމަށް ގިނަ ލުއިތަކެއް ލިބިގެން ދާނެ ކަމަށް އާބަންކޯއިން ޤަބޫލު ކުރެއެވެ.

އާބަންކޯއިން ވަނީ މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތައް ބޭނުންވާ ކަންކަން ދެނެގަނެ ގިނަ މަސައްކަތްތަކެއް ރޭވި، މިހާރު ވަނީ ފެށިފައިވާކަން ހާމަކޮށްފައެވެ. އަދި މިނޫން ވެސް ގިނަ އިތުރު ކުޅިވަރުތައް ކުޅޭނެ ތަންތަން ތަރައްޤީ ކުރުމަށް ޔޫތު މިނިސްޓްރީއާއި ގުޅިގެން މަސައްކަތަކެއް ކުރެވެމުންދާ ކަމަށް ވަނީ ހާމަކޮށްފައެވެ.