ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް މުރާޖަޢާކޮށް އެއަށް ބަދަލު ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ނިންމަވައިފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ މާލީ އެހީގެ މިންވަރު މުރާޖަޢާކުރައްވައި، އިތުރު އިނާޔަތްތަކެއް ތަޢާރަފްކުރެއްވުމަށް ރައީސް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިންނެވެ. މިލަފާ އައިސްފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ މުރާޖަޢާކުރެއްވުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ހުށަހެޅުއްވި ކަރުދާހަށް މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ.
މިގޮތުން ގެންނަ ބަދަލެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައި ނުވެއެވެ. ނަމަވެސް ިވަގުތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތުގެ ދަށުން ސަރުކާރުން ދެމުން އަންނަނީ އެންމެ 2000ރ. އެވެ. މިއީ މީގެ 12 އަހަރު ކުރިން ދޭން ފެށި އަދަދެކެވެ. އަދި މިއަދާ ހަމައަށްވެސް މިއަދަދަށް ބަދަލެއް އައިސްފައި ނުވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް މުރާޖަޢާ ކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، އުމުރުން ދުވަސްވީ ފަރާތްތަކަށް ދޭ އިނާޔަތް މުރާޖަޢާކޮށް އެކަމުގެ އެންމެ ފަހުގެ މަސައްކަތައް ނިމިފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.