މޭއި މަހު ފަތުރުވެރިން އައި މިންވަރު މިދިޔަ އަހަރުގެ މޭއި މަހާއި އަޅާ ބަލާއިރު 3.6 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އިމިގްރޭޝަންއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެ އައިސްފައިވަނީ 120،959 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މޭއި މަހާއި އަޅާބަލާއިރު 3.63 އިންސައްތަ ދަށް ވުމެކެވެ. މިއަހަރުގެ މޭއި މަހު ރާއްޖެ ދުވާލެއްގެ މައްޗަށް އައިސްފައިވަނީ އެވްރޭޖްކޮށް 3902 ފަތުރުވެރިންނެވެ. އެންމެ ގިނަ ފަތުރިވެރިން އައިސްފައިވަނީ މޭއި މަހުގެ އެއްވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެ 5،592 ފަތުވެރިން އައިސްފައިވެއެވެ. އަދި މޭއި މަހު އެންމެ މަދުން ފަތުރުވެރިން އައި 23 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެ އައިސްފައިވަނީ 2813 ފަތުރުވެރިންނެވެ.
އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު ރާއްޖެ އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާއިންނެވެ. އިންޑިއާއިން 20،098 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އިންޑިއާ އެންވަނަ މާކެޓުގެ ލަޤަބު އަލުން ހޯދި އިރު، މިއަހަރު ފެށުނީއްސުރެ ކުރީގައި އޮތް ރަޝިއާ މާކެޓު ވަނީ 3 ވަނަ އަށް ވެއްޓިފައެވެ. އެ ޤައުމުން މިދިޔަ މަހު އައީ އެންމެ 12،174 ފަތުރުވެރިންނެވެ.
Monthly tourist arrival details of May 2023.
Read more: https://t.co/37huPXcvGg pic.twitter.com/MMmEIinKxM
— Maldives Immigration (@ImmigrationMV) June 13, 2023
ކޯވިޑުގެ ކުރީން އެއްވަނައަށް އޮތް ޗައިނާ މާކެޓު މިދިޔަ މަހު ވަނީ ދެވަނަ އަށް އަރާފައެވެ. މިއާއެކު މަހުން މަހަށް ޗައިނާ މާކެޓުން އަންނަމުންދާ ފަތުރުވެރިން މިވަނީ އިތުރުވެފައެވެ. ޗައިނާ މާކެޓު ދެވަނަ ހޯދާފައިވަނީ 15،204 ފަތުރުރެރިންނާއި އެކުގައެވެ.
މިދިޔަ މޭއި މަހުގެ ނިޔަލަށް މިއަހަރު ޖުމްލަ ރާއްޖެއަށް 809،244 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކައެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް 1.9 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.