Last Updated: June 7, 17:32
Sunday, June 7, 2026
ޚަބަރު

އައްޑޫ ބޮޑު އީދު ޝޯގައި ހަވާ ވެސް އަރުވާނެ

ހިތަދޫ ސިޓީ ސްކޮޔަރ ސަރަހައްދުގައި ހަވާ އަރުވަނީ / ފޮޓޯ: އައްޑޫސިޓީ ކައުންސިލް

މިފަހަރުވެސް އައްޑޫގައި އަޟްހާ ޢީދުގެ ހަރަކާތްތައް "އައްޑޫ ޢީދު ސަމާ" ގެ ނަމުގައި ކުލަ ގަދަކޮށް ފާހަގަކުރުމަށް ނިންމައި، އަވަށްތަކުގައި ކުރިއަށްދާނެ ހަރަކާތްތައް އައްޑޫސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

އައްޑޫސިޓީގައި ޢީދުގެ ހަރަކާތްތައް ކުލަ ގަދަކޮށް ފާހަގަ ކުރުމަށް އައްޑޫސިޓީ ކައުންސިލުން މިދިޔަ އަހަރުން ފެށިގެން ވަނީ ނިންމާފައެވެ. މިގޮތުން މިއަހަރުވެސް އަވަށްތަކުގައި ގިނަ ހަރަކާތްތަކެއް އަވަށްތަކުގެ ޖަމީއްޔާ ޖަމާޢަަތްތަކާއި ދިރިއުޅޭ ރައްޔިތުންނާއި ގުޅިގެން، ވަނީ ރާވާފައެވެ. މިފަހަރު ޢީދު ހަރަކާތްތައް އައްޑޫސިޓީ ކައުންސިލުން 3 ދުވަހަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.


މިގޮތުން މިފަހަރު ޢީދުގެ ބޮޑު ޖަމަޢާތާއި ޢީދު ސައި 3 ރަށެއްގައި ކުރިއަށްދާނެއެވެ. އެއީ ހިތަދޫ، މަރަދޫ އަދި މީދޫގައެވެ. މީގެ އިތުރުން ހުރިހާ އަވަށެއްގައި އުޟްހިޔާ ކަތިލުމަށް ކައުންސިލުން ވަނީ އިންތިޒާމުކޮށްފައެވެ. މި ޢީދުގެ ތެރެއިން އެކި އަވަށްތަކުގައި ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ދާނެއެވެ. އަދި ހިތަދޫ އަވަށުގައި ބޮޑު މަސް ބޭނުމުގެ ހަރަކާތެއް ކުރިއަށްދާއިރު މަރަދޫ އަވަށުގައި ކުޑަކުދިން ހަވީރެއްގެ އިތުރު މަސްރޭހެއް ކުރިއަށް ދާނެއެވެ.

މިފަހަރުގެ ޢީދު ހަރަކާތްތައްވެސް ކުލަގަދަކޮށް ނިންމާލުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން ޖުލައި 1 ވަނަ ދުވަހުގެ ރޭ ހިތަދޫގައި ފަންނާނުންގެ ޝޯއެއް ކުރިއަށްދާއިރު، ޢީދުގެ ހަރަކާތްތައް އެރޭ ނިންމާލާނީ ހަވާ އެރުވުމާއިވެސް އެކުގައެވެ.

މިދިޔަ އަހަރުވެސް އައްޑޫސިޓީ ކައުންސިލުން ވަނީ މިގޮތަށް ޢީދު ހަރަކާތްތައް އައްޑޫގެ އަވަށްތަކުގައި ފާހަގަކޮށްފައެވެ. އައްޑޫސިޓީ ކައުންސިލުން ވަނީ މީގެ ކުރިން އަހަރުން އަހަރަށް މިހަރަކާތްތައް ފޯރިގަދަކޮށް ކުލަ ގަދަކޮށް ފާހަގަ ކުރާނެ ކަމަށް ބުނެފައެވެ.