Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ޑާކް ރެއިންގެ ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށް

މިހާރު ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ ބިޒީ ފިލްމު ސްޓޫޑިއޯ ކަމަށްވާ ޑާކް ރެއިން އެންޓަޓައިންމަންޓުން ކުރިއަށް ގިނަ ޕްރޮޖެކްޓްތަކެއް ހުރި ކަމަށް ބުނެފި އެވެ.

މިހާތަނަށް ކާމިޔާބު އެތައް އުފެއްދުމެއް ގެނެސްދީފައިވާ ސްޓޫޑިއޯ އިން މި އަހަރުގެ މިހާތަނަށް ވެސް ދެ ފިލްމެއް ގެނެސްދީފައިވެ އެވެ. އެއީ ފެބްރުއަރީގައި އޮލިމްޕަހަށް ގެނައި "ބީވީމާ" އާއި މާޗްގައި ޑިޖިޓަލްކޮށް ޕްރީމިއާކުރި "ހިނދުކޮޅެއް" އެވެ. މި ދެ ފިލްމަށް ފަހު މި އަހަރުގެ ޑިސެމްބަރުގައި ބިރުވެރި ފިލްމު "ބަޅިނދު" ވެސް ގެނެސްދޭން އޮތީ ނިންމައިފަ އެވެ.

ޑާކް ރެއިނުން މި ހަފުތާގައި އާންމުކުރި ސޯޝަލް މީޑިއާ ޕޯސްޓަކަށް ބަލާ އިރު، އެ ފިލްމާ އެކީ އެ ސްޓޫޑިއޯގެ 12 ޕްރޮޖެކްޓެއް ކުރިއަށް އެބައޮތެވެ. އޭގެ ތެރެއިން އެކައްޗަކީ ޝޫޓިން ވެސް ނިންމާފައި އޮތް އަދި ކުރިން 2020 ގެނެސްދޭން ޕްލޭންކުރި ލޯބީގެ ފިލްމު "ނޮވެމްބާ" އެވެ.

މިއީ ޑާކް ރެއިންގެ "އެންމެ ފަހު ވިންދާ ޖެހެންދެން" އާއި "ވާށޭ މަށާ އެކީ" އަދި "މާމުއި" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ގެ ޑައިރެކްޝަނެކެވެ. "ނޮވެމްބާ" ގެ ތަރިންނަކީ ދިވެހި ސިނަމާގެ މި ފަހުގެ އެންމެ މަގުބޫލު ޖޯޑު ކަމަށްވާ ޖުމައްޔިލް ނިމާލު (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ. ސިންގަޕޫރްގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ ޑާކް ރެއިންގެ އެންމެ އަގުބޮޑު ފިލްމު ވެސް މެ އެވެ.

އެ ސްޓޫޑިއޯގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކަށް ބަލާ އިރު "ބަޅިނދު" އާއި "ފުރޭތަ" ގެ މަސައްކަތް ކުރިއަށް ދަނީ އެވެ. އަދި އިތުރު ޕްރޮޖެކްޓްތަކުގެ ލިސްޓެއް ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އިސްކޮށް ހުރެގެން ހިންގާ ޕްރޮޑަކްޝަން ހައުސް އިން ހިއްސާކޮށްފައިވެ އެވެ.

އޭގެ ތެރޭގައި "ބިބީ"، "މަރަށް މަރު"، "އިފުރީތު"، "1410"، "ލޭ"، "ހިޔަލަ އާއި އަލިފުޅު"، "ދުރުވާން ޖެހުނަސް"، "ހަށިވާ" އަދި "މަޅިފަތި" ހިމެނެ އެވެ.

ކުރިން ޑާކް ރެއިނުން އިއުލާންކުރި ބައެއް ޕްރޮޖެކްޓްތަކުގެ ނަމެއް މި ލިސްޓަކު ނެތެވެ. އެހެންވެ އެ ޕްރޮޖެކްޓްތައް އަޕްޑޭޓެއް ނެތެވެ. އޭގެ ތެރޭގައި "ރެހެންދި ހަދީޖާ" އާއި "ކައިވެނީގެ އަމާޒު" ހިމެނެ އެވެ.

ޑާކް ރެއިނަކީ 2006 ގައި އުފަންވި ޕްރޮޑަކްޝަން ހައުސްއެކެވެ. އެކަމަކު އެތަނުގެ ތައްގަނޑުގައި ބެލުންތެރިންނާ ހަމައަށް އައި ފުރަތަމަ ފީޗާ ފިލްމަކީ 2009 ގެ "ހެޕީ ބާތު ޑޭ" އެވެ. ޑާކް ރެއިނުން ގެނެސްދިން ފީޗާ ފިލްމުތަކުގެ ތެރޭގައި "ދިން ވޭނުގެ ހިތާމައިގާ"، "ޒަހަރު"، "ފަތިސްހަނދުވެރުގެ ފެށުން 3ޑީ"، "ހުޅުދާން"، "މިކޮއެ ބައްޕަ ބައޭބައޭ"، "ވަކިން ލޯބިން"، "މީ ލޯތްބަކީ" އަދި "ގޮށްރާޅު" ހިމެނެ އެވެ.

ކޮވިޑްގެ ތެރޭގައި ޑާކް ރެއިނުން ވަރަށް ގިނަ ވެބް ކޮންޓެންޓްތައް ވެސް ގެނެސްދީފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއްޗެހީގެ ތެރޭގައި ވެބް ސީރީޒްތައް ކަމަށްވާ "ރޫމިއާ ޖަންނަތު" އަދި "ގިރިޓީ ލޯބި" ހިމެނެ އެވެ.