Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

"އެވަޓާ" ގެ ކުރިއަށް ހުރި ބައިތައް ފަސްކޮށްފި

ޑައިރެކްޓަރު ޖޭމްސް ކެމަރޮންގެ "އެވަޓާ" ސީރީޒްގެ ކުރިއަށް އޮތް ތިން ފިލްމުގެ ތާރީހަށް ބަދަލުތަކެއް ގެނެސްފި އެވެ.

މިކަން ފިލްމުގެ ޕްރޮޑިއުސަރު ޖޮން ލެންޑޯ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވެސް ހިއްސާކޮށްފައިވެ އެވެ.

ތާރީހުތަކަށް ގެނައި ބަދަލުތަކާ ގުޅިގެން ކުރިން އަންނަ އަހަރުގެ ޑިސެމްބަރު 20 އަށް ތާވަލުކޮށްފައި އޮތް "އެވަޓާ 3" މިހާރު ގެނެސްދޭން ނިންމާފައި ވަނީ ޑިސެމްބަރު 19، 2025 ގަ އެވެ. ކުރިން ޑިސެމްބަރު 28، 2026 އަށް ތާވަލުކޮށްފައި އޮތް "އެވަޓާ 4" މިހާރު ޑިސެމްބަރު 21، 2029 ގައި ގެނެސްދޭން ނިންމާފައިވާ އިރު، "އެވަޓާ 5" މިހާރު ތާވަލުކޮށްފައި ވަނީ ޑިސެމްބަރު 19، 2031 އަށެވެ. ކުރިން އެ ފިލްމު ރިލީޒްކުރަން އޮތީ ޑިސެމްބަރު 22، 2028 ގަ އެވެ.

ޕްރޮޑިއުސަރު ބުނި ގޮތުގައި ބެލުންތެރިންގެ އުންމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ "އެވަޓާ" ގެ ކުރިއަށް އޮތް ތިން ފިލްމު ފަސްކުރީ އެ އެއްޗެހީގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތްތަކަށް އިތުރު ވަގުތު ބޭނުންވާތީ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 16 ގައި "އެވަޓާ: ދަ ވޭ އޮފް ވޯޓާ" ރިލީޒްކުރި އިރު، އެ ފިލްމާ އެކުއެކީގައި ކެމެރަން އޮތީ ތިން ވަނަ ބައިގެ ޝޫޓިންގެ ބޮޑު ބައި ވެސް ނިންމައިފަ އެވެ. ދެވަނަ ބައި 460 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އިރު، އެ ފިލްމަށް ބޮކްސް އޮފީހުގައި 2.320 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.

ދެހާސް ނުވައެއްގައި ރިިލީޒްކުރި "އެވަޓާ" އަކީ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑް އޮތް ފިލްމެވެ. ޖުމްލަ 237 މިލިއަން ޑޮލަރު ހޭދަކުރި ފިލްމުގެ އާމްދަނީ އަކީ 2.923 ބިލިއަން ޑޮލަރެވެ.