ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ލިޔެފައިވާ ފޮތުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފްގެ މޫނު މަތީގައި ޖެހިކަމަށް މެންބަރު ހުސައިން ތުހުމަތު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށްނުގެންދެވިގެން މެދުކަނޑާލުމަށްފަހު އަލުން ފެށުމުންވެސް އިދިކޮޅަށް ނިސްބަތްވާ މެންބަރުން އަންނަނީ ނިޒާމީ ނުކުތާ ނަންގަވަމުންނެވެ.
އެގޮތުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ނިޒާމީ ނިކުތާ ނަންގަވާ ވިދާޅުވީ މަޖިލީހުގެ ގަވައިދު ފޮތުން މެންބަރު ޝަރީފް އޭނާގެ މޫނުމަތީގައި ޖެހިކަމަށެވެ. އަދި އެކަމާ ރިޔާސަތުން އެއްވެސް ވަރަކަށް އަޅާނުލެއްވި ކަމަށް ވިދާޅުވިއެވެ.
"މަރަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ގަވައިދު ފޮތުން އަޅުގަނޑު މޫނުމަތީ ޖެހިއިރު އިއްޒަތްތެރި ރައީސް ތިއިންނެވީ އެއްވެސް ކަމަކާ ފަރުވާލެއް ނުބަހައްޓާ." ހުސައިން ވިދާޅުވިއެވެ.
މެންބަރު ހުސައިން މިފަދައިން ތުހުމަތު ކުރެއްވިއިރު އޭގެފަހުން ނިޒާމީ ނުކުތާ ނަންގަވާ މެންބަރު ޝަރީފް ވެސް ވާހަކަ ދެއްކެވިއެވެ. އެހެންނަމަވެސް އެ ތުހުމަތަށް ޖަވާބެއް ނުވަތަ ރައްދެއްވެސް ދެއްވާފައެއްނުވެއެވެ.
މަޖިލިސް ފުރަތަމަ ފަހަރަށް މިއަދު މެދުކަނޑާލުމުގެ ކުރިން މެންބަރު ޝަރީފާއި މެންބަރު ހުސައިންއާ ދެ މެންބަރުން ބަހުގެ ހަމަލާ ބަދަލުކުރައްވާ ހެއްދެވިއެވެ. އެގޮތުން ނިޒާމީ ނުކުތާ ނަންގަވާ މެންބަރު ޝަރީފް ވާހަކަ ދައްކަމުން ދިޔައިރު އެތާ ކައިރީގައި މެންބަރު ހުސައިން ހުންނެވިއެވެ. އަދި މެންބަރު ޝަރީފް ގަވައިދު ފޮތް ނަގައިގެން އުޅުއްވި މަންޒަރުވެސް ފެނުނެވެ. ފަހުން މެންބަރު ހުސައިން ދުރުކުރެއްވުމަށް އުޅުއްވީ ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫންއެވެ.