Last Updated: July 21, 11:48
Tuesday, July 21, 2026
ދުނިޔެ

ސައުދީގެ އާ އެއާލައިންގެ ޓެސްޓް ދަތުރެއް

ސައުދީ އަރަބިއްޔާ އިން އަލަށް ވުޖޫދަށް ގެނައި ގައުމީ އާ އެއާލައިން "ރިޔާދު އެއާ" ގެ ފުރަަތަމަ ބޯޓް ދައްކާލައި، ޓެސްޓް ދަތުރެއް ބާއްވައިފި އެވެ.

އެއީ އިއްޔެ މެންދުރު ފަހު ބޭއްވި ޓެސްޓް ދަތުރަކާ އެކީގަ އެވެ. ޓެސްޓް ދަތުރު ބޭއްވީ ބޮއިން 787 ޑްރީމްލައިނާ މަރުކާގެ ބޯޓެއްގަ އެވެ.

"ރިޔާދު އެއާ" ގެ ހިދުމަތް ރަސްމީކޮށް ފަށަން ހަމަޖެހިފައި ވަނީ 2025 ގަ އެވެ. ސައުދީން ގައުމީ އާ އެއާލައިނެއް އުފައްދަން ނިންމިކަން އިއުލާންކުރީ މިދިޔަ މާޗް މަހުގެ 12 ގަ އެވެ.

ސައުދީގެ ވެރިރަށް، ރިޔާދުއާ ގުޅުވައި ނަން ދީފައިވާ "ރިޔާދު އެއާ" އަކީ އެ ގައުމުން އެކުލަވާލާދައިވާ 2030 ގެ ތަސައްވުރާ ގުޅުވައި، ވައިގެ ދަތުރުފަތުރުގެ ހިދުމަތް ފުޅާކޮށް، ސައުދީ އަށް ޒިޔާރަތްކުރާ މީހުން އިތުރުކޮށް، އިގުތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކަށް އަމާޒުކޮށް އުފެއްދި އެއާލައިނެކެވެ.

ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) ބުނި ގޮތުގައި އާ އެއާލައިންގެ ދަތުރުތައް ފަށާ އިރު، އެންމެ ފުރަތަމަ އިސްކަން ދޭނީ އޭޝިއާ އާއި ޔޫރަޕް އަދި އެފްރިކާ ބައްރާއި ސައުދީއާ ދެމެދުގެ ދަތުރުފަތުރުގެ ވިއުގަ ފުޅާކުރުމަށެވެ.

އެގޮތުން "ރިޔާދު އެއާ" އާ އެކީ ތެލުގެ ވިޔަފާރި ނޫން އެހެން ގޮތްގޮތުން ސައުދީ އަށް ވަންނަ އާމްދަނީ 20 ބިލިއަން ޑޮލަރަށް އަރާނެ ކަމަށާއި އަދި 200،000 ވަޒީފާ އުފެދިގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ. ގައުމީ އާ އެއާލައިނުގެ އަމާޒަކީ 2030 ގެ ނިޔަލަށް ދުނިޔޭގެ 100 ގައުމަކަށް ދަތުރު ފެށުމެވެ.

"ރިޔާދު އެއާ" ޗެއާމަނަކީ ޕީއައިއެފް ގަވަރުނަރު ޔާސިރު އަލް ރުމައްޔާން އެވެ.