އިދކޮޅު މެންބަރުންގެ ހަޅޭކުގެ އަޑުގަދަވެ ޖަލްސާ ކުރިއަށް ނުގެންދެވި މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުމުންވެސް މެންބަރުންގެ ނިޒާމީ މައްސަލައިގައި ޖަލްސާ ކުރިއަށް ނުގެންދެވި ވަނީ މަޝްވަރާ ކުރުމަށް މެދުކަނޑާލާފައެވެ.
އޭގެފަހުން ޖަލްސާ ފެށުމުންވެސް އިދިކޮޅު މެންބަރުން ވަނީ ނިޒާމީ ނުކުތާ ނަގާ މަޖިލީހުގައި އަޑުގަދަ ކޮށްފައެވެ. އެގޮތުން މަޖިލީހުގެ ތަޅުމުން އެއްކޮށްވެސް އިވެމުން ދިޔައީ އިދިކޮޅު މެންބަރުން "ޗޯރު" ގޮވާ އަޑެވެ.
އިދިކޮޅު މެންބަރުންގެ ހަޅޭކުގެ އަޑު މަޖިލިސް ތަޅުމުގައި ގަދަވުމުން އެންމެ ފަހުން ރިޔާސަތުގައި އިންނެވި މެންބަރު ހުސައިން އަފީފް ވަނީ ޖަލްސާ ނިންމަވާލައްވާފައެވެ.

މިއަދުގެ ޖަލްސާ ފެށުމާއެކު ރިޔާސަތުން ވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ދެއްވާފައެވެ. އެ ކުއްލި މައްސަލަ މެންބަރު އާދަމް ޝަރީފް ހުށަހަޅަން ފެށުމާއެކު އިދިކޮޅު މެންބަރުންވަނީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް އިހުތިޖާޖު ކުރަން ފަށާފައެވެ.
މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި، ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލު ކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލައެވެ.
އިދިކޮޅު މެންބަރުން އިހުތިޖާޖުކޮށް ނިޒާމީ ނުކުތާނަގަމުން ދިޔައީ ކޮމިޓީތައް ބެހުމަށް ނިންމާ އެކަން މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައި އޮތްއިރު އެ މެންބަރުންގެ ބަހެއް ނެތި ކޮމިޓީ ބެހުމާމެދު ރިޕޯޓެއް އެކުލަވާލާފައި އޮތްކަމަށް ބުނެއެވެ.