Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ހިތަދޫ ބަނދަރު މަތީގައި މޮނިއުމަންޓެއް ބަހައްޓަނީ

އައްޑޫ ހިތަދު އަށް ހާއްސަ މޮނިއުމަންޓެއް ހަދަން ނިންމައި އޭގެ ކޮންސެޕްޓް ޑިޒައިންކުރަން އާންމުކޮށް ކައުންސިލުން ހުޅުވާލައިފި އެވެ.

ކައުންސިލުން ބުނި ގޮތުގައި މި މޮނިއުމަންޓަކީ "Welcome to Hithadhoo" ލިޔެފައި އެ އަވަށު ބަނދަރުމަތީގައި ބަހައްޓަން ހަދާ އެއްޗެއް ކަމަށެވެ. އޭގެ ކޮންސެޕްޓް ޑިޒައިން ހަދައިދޭން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 7 އާ ހަމައަށް ކޮންސެޕްޓް ހުށަހަޅަން ވަނީ ހުޅުވާލައިފަ އެވެ. މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދޭން ބާއްވާ ސެޝަނެއް މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގައި އޮންނާނެ އެވެ.

ކައުންސިލުން ބުނީ މޮނިއުމަންޓަށް ހުށަހަޅާ ކޮންސެޕްޓް ޑިޒައިންގެ އެންމެ ރަނގަޅު ހުށަހެޅުމަށް ހުށަހަޅާ ފަރާތަކަށް 5،000ރ. ލިބޭނެ ކަމަށެވެ.

ހިތަދޫ ބަނދަރުގައި މަތީގައި މޮނިއުމަންޓެއް ބަހައްޓަން ނިންމި އިރު، އައްޑޫގެ ބައެއް އަވަށްތަކުގެ ބަނދަރުމަތީގައި އެ އަވަށެއް ރަމްޒުކޮށްދޭ ޒާތުގެ މޮނިއުމަންޓް ހުރެ އެވެ. އެގޮތުން މަަރަދު އާއި މީދޫ ބަނދަރު މަތީގައި މިފަދަ މޮނިއުމަންޓެއް ހުރެ އެވެ.

ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ މޫނުމަތީގައި ރަށް ރަމްޒުކޮށްދޭ ގޮތަށް މި ފަހުން މޮނިއުމަންޓްތައް ބެހެއްޓުން ވަރަށް އާންމެވެ.