ހަރުކަށިވުމާ ގޮތްދޫނުކުރުމުގެ އުސޫލު ދޫކޮށްލާ ގައުމީ މަސްލަހަތު އިސްކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ގޮވާލައްވައިފިއެވެ.
އިދިކޮޅު ޕީޕީއެމް ޕީއެންސީއިން ރައީސް އޮފީހަށް މިއަދު ދިއުމަށްފަހު ނިކުމެ މީޑިޔާއާ ވާހަކަ ދައްކަވަމުން ސަލީމް ވަނީ މަޖިލީހުގެ މިހާރު ކަންތައްދާގޮތާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން ސަލީމް ވިދާޅުވީ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ މައްސަލަ އެއްކޮށް މީގެކުރިންވެސް ހުށަނާޅާ ކަމަށާއި މިހާރު މަޖިލިސް ހުއްޓިފައި އޮތީ އެކަން ރަނގަޅަށް އެނގިތިބެ ގަސްދުގައި ކަމަށެވެ.
މީގެއިތުރުން ވާހަކަދައްކަވަމުން ސަލީމް ވަނީ ރައީސް ސޯލިހަށް ހަރުކަށިވުމާ ގޮތްދޫނުކުރުމުގެ އުސޫލު ދޫކޮށްލާފައި ގައުމީ މަސްލަހަތަށް އިސްކަންދިނުމަށް ގޮވާލައްވާފައެވެ.
ސަލީމް ވިދާޅުވީ ރައީސް ޔާމީނަކީ ކުށެއް ނެތް ބޭފުޅެއްކަން ހާމަވާކަމަށާއި އެކަމަށް އޮތް އެންމެ ބޮޑު ހެއްކަކީ އެންމެ ފުރަތަމަ މައްސަލައިގައިވެސް ރައީސް ޔާމީނަށް ސުޕްރީމް ކޯޓުން ކާމިޔާބު ލިބުންކަމަށެވެ.
ރައީސް ޔާމީނާމެދު މިސަރުކާރުން އަމަލުކުރަމުން އަންނަނީ އިންސާފުން ނޫންކަން އެންމެނަށްވެސް އެނގޭނެ ކަމަށާއި އަދި އެގޮތަށް އަމަލުކުރަނީ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވާލުމަށްކަމަށް ވެސް ސަލީމް ވިދާޅުވިއެވެ. އަދި ޖުޑީޝަރީއަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރަށް ވެސް ސަލީމް ގޮވާލާފައިވެއެވެ.