ޖިންސީ ގޯނާއާއި ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ދައުވާތައް ކުރިއަށްނުގެންދިއުމަށް ނިންމާ އެ މައްސަލަ ފޮނުވާލާފައިވާ މައްސަލައެއްގެ ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކަނޑައަޅައިފިއެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަލީ ވަހީދު ބޭރަށް ދިއުމުން ކޯޓަށް ހާޒިރުކުރެވޭނެ ގޮތްނުވެގެން އެ މައްސަލަ ކޯޓުން އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. ކޯޓުން އެ މައްސަލަ އަނބުރާ ފޮނުވާލާފައިވަނީ އަލީ ވަހީދު ކޯޓަށް ހާޒިރު ކުރެވޭގޮތް ވުމުން އަލުން ހުށަހެޅުމަށް ކަމަށްވެސް ޕީޖީން ބުނެފައިވެއެވެ. އެހެންކަމުން އަލީ ވަހީދު ރާއްޖެ އައުމުން އަލުން ހުށަހެޅުމަށް ދަންނަވައި 6 އޮކްޓޫބަރު 2022 ގައި މައްސަލަ އަނބުރާ ފުލުހުންގެ ހިދުމަތަށް އޮތީ ފޮނުވާލާފައެވެ.
މައްސަލަ އަލުން ހުށަހެޅުމަށްޓަކައި ފުލުހުންނަށް އަނބުރާ ފޮނުވާލިފަހުން، މައްސަލައިގައި އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ގޮތުގައި ތަހުގީގަށް ބަޔާންދީފައިވާ މީހުން މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާކަމަށް ްބަޔާންކޮށް ޕީޖީއަށާއި ފުލުހުންނަށް ސީޓީ ފޮނުވާފައިވާ ކަމަށް ޕީޖީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މައްސަލައިގައި ހެކީގެ ގޮތުގައި ހުށަހެޅި މުހިންމު ހެކިން ކުރިން ތަހުގީގަށް ދީފައިވާ ބަޔާން އަނބުރާ ގެންދަން ބޭނުންވާކަމަށް ބުނެ ފުލުހުންގެ ހިދުމަތަށް ތަކުރާރުކޮށް ސީޓީ ފޮނުވަމުން ގެންދާތީ އެ މައްސަލަ މުރާޖާ ކޮށްދިނުމަށް ފުލުހުންގެ ފަރާތުން ޕީޖީގައި އެދިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ޕީޖީން ބުނެފައިވަނީ އެކަމާ ގުޅިގެން އަނިޔާ ލިބުނު މީހުންނާއި ހެކިންނާ ޕީޖީ އޮފީހުން ބައްދަލުކޮށްފައިވާ ކަމަށެވެ.
"އަދި އެމީހުންގެ ހެކިބަހާނުލައި މައްސަލަ ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތްތޯ ބަލައި ދިރާސާކުރިއިރު، މައްސަލައިގެ މައިގަނޑު ހެއްކަކީ އަނިޔާލިބުނު މީހުންނާއި ހެކިންގެ ހެކިބަސް ކަމަށްވެފައި، އެ ހެކިންގެ ހެކިބަހާ ނުލައި މައްސަލަ ސާބިތުކުރެވިދާނެ އެއްވެސް މަގެއް ނެތަތީ، އިސްވެދެންނެވުނު ދައުވާތައް ކުރިއަށް ނުގެންދިއުމަށް ނިންމައި، މައްސަލައަކީ އަނބުރާ ފޮނުވާލާފައިވާ މައްސަލައެއްގެ ގޮތުގައި 6 ޖޫން 2023 ގައި މި އޮފީހުން ވާނީ ކަނޑައަޅާފައެވެ." ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މިމައްސަލައިގެ ތެރެއިން އަލީ ވަހީދު ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ ސުޕްރީމް ކޯޓުން ވަނީ އަލީ ވަހީދުގެ މައްޗަށް 2 މަހާ 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
މިިމައްސަލައިގައި ޕީޖީން އަލީ ވަހީދުގެ މައްޗަށް ކުރި ދައުވާތަކުގެ ތެރޭގައި ރޭޕްކުރަން އުޅުމާއި، ޖިންސީ އަނިޔާކުރުމާއި، ޖިންސީ ގޯނާކުރުމާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި އަދި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.