Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

"ދުންކީ" އަށް ފަހު ހިރާނީގެ ވެބް ސީރީޒެއް

ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ މި އަހަރު ޝާހްރުކް ޚާނާ އެކީ ގެނެސްދޭ ފިލްމު "ދުންކީ" އަށް ފަހު ވެބް ސީރީޒެއް ވެސް ބެލުންތެެރިންނަށް ގެނެސްދޭން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ "މުންނާބާއީ" އާއި "3 އިޑިއަޓްސް" އަދި "ޕީކޭ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ހިރާނީގެ އަލަތު ވެބް ސީރީޒްގެ ޝޫޓިން ވެސް މިހާރު އޮތީ ނިންމާފައި ކަމަށެވެ. އެކަމަކު އޭގެ ނަމާއި ކާސްޓާއި ސީރީޒްއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

ނަމަވެސް ޔަގީންވާ ކަމަކީ ހިރާނީގެ އުފެއްދުމެއް ނަމަ ކޮންޓެންޓްގައި ވަރަށް ވަރުގަދަ އޮއްޓަރެއް ހުންނާކަމެވެ. އޭނަގެ ކޮންމެ އުފެއްދުމަކީ ވެސް ވަރަށް މޮޅު އަދި އެހާމެ ޝައުގުވެރި އުފެއްދުންތަކެކެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ހިރާނީގެ ސީރީޒް ރަސްމީކޮށް އިއުލާން ކުރާނީ ޑިސެމްބަރަށް ތާވަލުކޮށްފައި އޮތް "ދުންކީ" ގެ މަސައްކަތްތަކުން އަތްދޫކޮށްލުމަށް ފަހު އެވެ. ޝޫޓިން ނިންމައި އެ މިހާރު އޮތީ ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގަ އެވެ. ހިޖުރަކުރުމާ ގުޅޭ ގޮތުން ހަދާފައިވާ މި ސޯޝަލް ކޮމެޑީގެ ކާސްޓްގައި ތާޕްސީ ޕައްނޫ، ވިކީ ކޯޝަލް، ބޮމަން އިރާނީ އަދި ސަތިޝް ޝާހު ހިމެނެ އެވެ.

ހިރާނީގެ އެންމެ ފަހުގެ ފިލްމަކީ ރަންބީރް ކަޕޫރާ އެކީ 2018 ގައި ގެނެސްދިން އެކްޓަރު ސަންޖޭ ދަތުގެ ބައޮގްރަފިކަލް ޑްރާމާ "ސަންޖޫ" އެވެ.