މާލެ އަދި ވިލިމާލޭގައި ޤާއިމްކުރަމުންދާ ޒަމާނީ އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަށް ބޭނުންވާ ސާމާނު ރާއްޖެ ގެނެސްފި އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މި ސާމާނުތަކަކީ މާލޭ އަދި ވިލިމާލޭގައި ޤާއިމްކުރަމުންދާ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ އޮޕަރޭޝަންގެ އެކި މަރުހަލާގައި ބޭނުންކުރުމަށް ރާއްޖެ ގެނެވިފައިވާ ސާމާނު ކަމަށެވެ.
ވޭސްޓް ޓްރާންސްފާ ސްޓޭޝަންތައް ފަރުމާކޮށްފައިވަނީ ކޮމްޕެކްޓް ނުވަތަ ފިއްތާލެވިފައިވާ ކުނި ތިލަފުއްޓަށް ކޮންޓޭނަރުގައި އުފުލޭ ގޮތަށެވެ. މިގޮތުން މާލެ އަދި ވިލިމާލޭގައި ގާއިމުކުރަމުންދާ ޓްރާންސްފާ ސްޓޭޝަންގައި ބޭނުންކުރުމަށްޓަކައި މުޅިން އާ ކޮންޓޭނަރު ތަކާއި، ކޮންޓޭނަރު އުފުލުމަށް ބޭނުންވާ "އާމް ރޯލް ޓްރަކް" ވެހިކަލްތަކާއި އާއި ކޮންޓޭނަރުގައި ހުންނަ ކުނީގެ ވޮލިއުމް ދަށްކުރުމަށް ހާއްސަ "ރޯލް ޕެކަރ" ތައް ވެސް ވަނީ އެތެރެކޮށްފަ އެވެ.
މީގެ ސަބަބުން ބަރު އަދި ބޮޑެތި ކުނި (ސީއެންޑީ) ފިޔަވައި އެހެނިހެން ކުނި އުކާލުމަށް، ކުނި އުފުލާ ބާޖަށް ވެހިކަލް އެރުން ހުއްޓުމަކަށް ގެނެވޭނެ އެވެ. މީގެ ބަދަލުގައި ކުނި އުފުލާ ވެހިކަލްގައި ހުރި ކުނި ކިރުމަށް ހާއްސަ 'ވެއި ބްރިޖަކުން' ކިރާލުމަށްފަހު ފަހު ޓްރާންސްފާ ސްޓޭޝަންގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ވޭސްޓް ޓިޕިން ޕްލެޓްފޯމް މެދެވެރިކޮށް ތިރީގައި ހުންނަ ކޮންޓޭނަރަށް ކުނި އުކާލެވޭނެ އެވެ. އަދި ހުރިހާ ވެހިކަލަކުން ވެސް ޓިޕިން ޕްލެޓްފޯމުން ކުނި އުކާލާނީ ސްޓޭންޑަޑް ކޮންޓެއިނަރުތަކަށެވެ. އަދި ވަކިކުރެވިފައިވާ (ސެގްރިގޭޓް) ކުނި އުކާލުމަށް ބޭނުންކުރާ މިކޮންޓޭނަރުގެ ސްޓޮކްވެސް މިހާރު ހަމަކޮށްފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.
ރާއްޖެ ގެނެސްފައިވާ އިކުއިޕްމަންޓްތަކާއި ވެހިކަލް ތަކަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ދިވެހި ސަރުކާރުން ހަރަދުކޮށްގެން ޒޯން ތިނެއްގެ ސަރަހައްދުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމުގެ ގޮތުން ހިންގަމުންދާ ގްރޭޓާ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން، ޖުމްލަ 47.8 މިލިއަން ރުފިޔާ — 3.2 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްގެން ގެނެސްފައިވާ ތަކެއްޗެވެ.
މާލޭ އަދި ވިލިމާލޭގެ އައު ވޭސްޓް ޓްރާންސްފާ ސްޓޭޝަންތައް ހުންނާނީ ވެމްކޯގެ އޮޕަރޭޝަން މިވަގުތު ކުރިޔަށްދާ ސައިޓުތަކުގަ އެވެ.