ވިނަރެސް ފްލެޓްތައް ލިބުނު ފަރާތްތަކާއި އެކު އެއްބަސްވުންތަކުގައި އާބަންކޯގެ ފަރާތުން ސޮއިކުރަން ފަށައިފިއެވެ.
ވިނަރެސް ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން އެއްބަސްވުމުގައި ފުރަތަމަ ސޮއި ކުރުމަށް ހަމަޖެހިފައިވަނީ، ހިޔާ މަޝްރޫޢުއާއި، ގުޅީފަޅު މަޝްރޫޢު އަދި ސީލައިފް މަޝްރޫޢުއިން ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން ފްލެޓް ދޫކޮށްލި ފަރާތްތަކަށެވެ. އޭގެ ތެރެއިން މިއަދު ގުޅީފަޅު މަޝްރޫޢުއިން ފްލެޓް ލިބުނު ފަރާތްތަކާއި އެކު ސޮއިކުރަން ވަނީ ފަށާފައެވެ.
ހުޅުމާލޭ ސެންޓްރޯ މޯލުގައި އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާފައިވާއިރު، ގުޅީފަޅު މަޝްރުޢުގެ ތެރެއިން 100 ފަރާތަކާއި އެކު ސޮއިކުރާނެއެވެ. އަދި ދުވާލެއްގެ މައްޗަށް 25 ފަރާތައި އެކު ސޮއިކުރާއިރު، އާދީއްތަ ދުވަހުގެ ނިޔަލަށް މިފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއިކޮށް ނިމޭނެއެވެ. އަދި މިއާއެކު އެހެން ފަރާތްތަކާއި އެކު ސޮއިކުރަން ފަށާނެ ކަމަށް އާބަންކޯއިން ބުނެއެވެ.

މީގެ އިތުރަށް އެންޑް ޔޫޒަރ އަދި ހައުސިން ޔުނިޓްތަކަށް ފުލް ޕޭމަންޓް ދައްކާފައިވާ ފަރާތްތަކަށް ފްލެޓް ޙިޔާރު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިހާތަނަށް 128 ފްލެޓެއް ވަނީ އެ ފަރާތްތަކުން ނަގާފައެވެ. އަދި އާންމުނަށް ހުޅުވާލައިގެން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން މި ކޯޕަރޭޝަނަށް ދިގު މުއްދަތަށް ބަހާލައިގެން (އެންޑް ޔޫސަރ) މޮޑެލް އަށް ފައިސާ ދައްކާ ފަރާރްތަކުގެ ފައިނޭންޝަލް އިވެލުއޭޝަން ފަށައި އެ ފަރާތްތަކަށް ޔުނިޓު އިހްތިޔާރުކުމުގެ މަރުހަލަ އަންނަ ހަފްތާތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެކުންފުނިން ބުނެއެވެ.
ފްލެޓްތަކުގެ އެއްބަސްވުމުގައި މިހާރު ސޮއިކުރަން ފަށާފައިވާއިރު، އަންނަ ޖުލައި މަހު ވެރިފަރާތްތަކާއި ތަޅުދަނޑި ހަވާލު ކުރެވޭނެ ކަމަށް އާބަންކޯއިން ބުނެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރާ ވިނަރެސް ފްލެޓަކީ 13 ބުރީގެ 10 ޓަވަރު ހިމެނޭ ގޮތަށް ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނޭ މަޝްރޫއެކެވެ.