ރާއްޖޭގެ ހަލާލް ސެޓިފިކޭޝަން ޙިދުމަތް ހަރުދަނާ ކުރުމުގެ މަސައްކަތުގައި އެހީވުމަށް މެލޭޝިއާގެ ސެރުނާއީ އީކޮމާސް ޓީމެއް ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
މެލޭޝިއާގެ ސެރުނާއީ އީކޮމާސް އަކީ ޑިޖިޓަލް ޙަލާލް އެޝުއަރެންސް ނިޒާމެއް މެދުވެރިކޮށް، އެފަރާތްތަކަށް ޙަލާލް އިންޑަސްޓްރީ ކުރިއެރުވުމަށާއި އެކަމަށްބޭނުންވާ ފަންނީ އެހީފޯރުކޮށްދިނުމުގައި މަސައްކަތްކުރާ ބައެކެވެ. އެފަރާތުގެ ޓީމެއް މިވަގުތު ރާއްޖޭގައި ހަރަކާތްތެރިވަމުންދާއިރު، މައުލޫމާތު ހިއްސާކުރެއްވުމަށާއި ހޭލުންތެރިކުރުވުމުގެ ވޯކްޝޮޕްތައް ކުރިއަށްގެންދިޔުމުގެ އިތުރުން ރާއްޖޭގައި ޙަލާލް ސެޓްފިކެޓްގެ ޚިދުމަތްދިނުމަށް ވަމުންދާ ތައްޔާރީތަކަށް ފަންނީ ގޮތުން އެހީތެރިވެދޭނެއެވެ.
މިގޮތުން މިހާތަނަށްވެސް މި ޓީމުން ރާއްޖޭގެ ކަމާގުޅުންހުރި މުއައްސަސާތަކާ ބައްދަލުކޮށް، މިކަމަށްބޭނުންވާ މަޢުލޫމާތު ވަނީ ޙިއްސާކޮށްފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ފަންނީ ގޮތުން އެކިއެކި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މި ޓީމާއި ބައްދަލުކުރައްވައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ޒިޔާރަތްކޮށް، އެޓީމުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރެއްވި.
— Ministry of Islamic Affairs (@MVIaffairs) June 14, 2023
މި މަސައްކަތުގައި ހަރަކާތްތެރިވާ ޓީމާއި މިއަދު އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވަނީ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުގައި ރާއްޖެއަކީ މުސްލިމް ޤައުމަކަށް ވާހިނދު ރާއްޖެ އެތެރެ ކުރެވޭ ބާވަތްތަކަކީ ހަލާލް މިންގަނޑަށް ފެތޭ ބާވައްތައް އެނގެން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މީގެ އިތުރުން އެތެރެ ކުރެވޭ ބާވަތްތަކާއި ބޭރު ކުރެވޭ ތަކެއްޗަކީ ހަލާލް ސެޓިފިކޭޝަން ލިބިފައިވާ ތަކެއްޗަށް ވުމަށް ބޭނުންވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މި ޓީމުން މިނިސްޓަރާ ބައްދަލުކޮށް ދެއްކިވާހަކައިގައި ރާއްޖެއިން އެޓީމަށް ދެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ އެކިއެކި މުއައްސަސާތަކާއިއެކު މަސައްކަތްކުރުމުގެ ޝައުޤުވެރިކަން އެ ޓީމުންވަނީ ފާހަގަކޮށްފައެވެ.
ސެރުނާއީ ޙަލާލް އީކޮމާސްއިން މި މަސައްކަތް ކުރަނީ އިސްލާމިކް ޑިވޮލަޕްމެންޓް ބޭންކްގެ އެހީތެރިކަމާއެކުގައެވެ.
ރާއްޖޭގައި 2013 ވަނަ އަހަރުން ފެށިގެން އިސްލާމިކް މިނިސްޓްރީ ފަރާތުން ހަލާލް ސެޓިފިކެޓެއް ދޫކުރެއެވެ. ނަމަވެސް މިއީ ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ އެއްޗެއް ނޫނެނެވެ.