Last Updated: June 7, 17:32
Sunday, June 7, 2026
ޚަބަރު

އެމްއޭސީއެލްއިން ސީއެޗްއެސްސީ މެރިޓް އެވޯޑު ސްޕޮންސަކޮށްފި

ސީއެޗްއެސީ އާއި އެމްއޭސީއެލް ދެމެދު އެއްަބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން / ފޮޓޯ: އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސީ) ގެ މެރިޓް އެވޯޑް އެކުންފުނީގެ އާންމު އިޖްތިމާޢީ ޒިންމާގެ ތެރެއިން ސްޕޮންސަރ ކޮށްފިއެވެ.

މިކަމަށްޓަކައި އިއްޔެ އެމްއޭސީއެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ކުންފުނީގެ ސީއީއޯ އަދި އެމްޑީ މަހްޖޫބު ޝުޖާއުއެވެ. ސީއެޗްއެސީގެ ފަރާތުން ސޮއިކުރެއްވީ، އެސްކޫލުގެ ޕްރިންސިޕަލް އާއިޝަތު ސަފޫރާއެވެ. މިއެއްބަސްވުމަކީ، އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ހަރަކާތްތަކުގައި ހިމެނިގެން ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އެކުންފުނިން ބުނެއެވެ.

އެގޮތުން އެމްއޭސީއެލްއިން ވަނީ ތިން އަހަރު ދުވަހަށް މެރިޓް އެވޯޑް ސްޕޮންސާރ ކޮށްފައެވެ.


މީގެ ދަށުން ސީއެޗްއެސްއީގެ ގްރޭޑް 11 ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ މަތީ ފާސް ހޯދާ ދަރިވަރުންނަށް ހިތްވަރު ދިނުމާއިއެކު އިތުރު ފުރުސަތުތައް ފަހިކޮށްދެވޭނެއެވެ. "އެމްއޭސީއެލް މެރިޓް އެވޯޑްގެ" ދަށުން ސީއެޗްއެސްސީގެ ގްރޭޑް 11ގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އަންހެން ދެ ދަރިވަރުން އަދި ފިރިހެން ދެ ދަރިވަރަކަށް ކޮންމެ އަހަރަކު މި އެވޯޑް ލިބިގެންދާނެއެވެ. މިއާއެކު މި ދަރިވަރުންނަށް އެމްއޭސީއެލް ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އެކުއްޖަކު ޝައުގުވެރިކަން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާއާއި ތަމްރީނު ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުންފުނީގެ ސީއީއޯ އަދި އެމްޑީ މަހްޖޫބު ޝުޖާއު ވިދާޅުވީ، މި އެވޯޑުގެ އަމާޒަކީ ކުދިންގެ ކިޔެވުމުގައި ހޯދާ ކާމިޔާބީ ފާހަގަކުރުމުގެ އިތުރުން މިފަދަ ކާމިޔާބީ ހޯދާ ދަރިވަރުންނަށް ފަހި ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ. އަދި އެމްއޭސީއެލްގައި އެ ދަރިވަރުންނަށް ވަޒީފާގެ ތަމްރީނާއި ތަޖްރިބާ ފޯރުކޮށްދިނުމަކީ އެމްއޭސީއެލްގެ މުހިންމު މަޤަސަދެއް ކަމަށާއި، އުންމީދުކުރަނީ ކިޔަވާ ނިންމުމަށްފަހު އެމްއޭސީއެލްގެ ވަޒީފާއާއި ގުޅޭ ދަރިވަރުންގެ ނިސްބަތް އިތުރުވެގެން ދިޔުން ކަމަށް އެމް.ޑީ ވިދާޅުވިއެވެ.


އެމްއޭސީއެލްގެ އިޖްތިމާއީ ޒިންމާގެ ދަށުން ހިންގާ މި ޕްރޮގްރާމަކީ، ތައުލީމީ ގޮތުން ކުރިއެރުމަށް ދަރިވަރުންނަށް ހިތްވަރު ދިނުމުގެ އިތުރުން ގައުމަށް ބޭނުންވާ ހިންގުންތެރި އިސްވާރުން އުފެއްދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެކުންފުނިން ބުނެއެވެ.

1979 ވަނަ އަހަރު ވުޖޫދުވެގެން އައި ސީއެޗްއެސްސީއަކީ، ރާއްޖޭގެ އޭ- ލެވެލް ކިޔަވައިދޭ ސްކޫލުތަކުގެ ތެރެއިން، އެންމެ ގިނަ ދަރިވަރުން، ގައުމީ ފެންވަރުގެ ކާމިޔާބު ހޯދަމުން އަންނަ އެއް ސްކޫލެވެ.