ޗެލްސީ އަށް ކުޅެމުން އަންނަ ޖަރުމަނުގެ ފޯވާޑް ކައި ހަވެޓްޒް ހޯދުމަށް އާސެނަލުން މަސައްކަތް ފަށައިފި އެވެ.
ހަވެޓްޒް ،24، ޗެލްސީއާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި ދެ އަހަރު އޮތް ނަމަވެސް މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އޭނާ ވިއްކާލަން ޗެލްސީން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ރިޕޯޓުތައް ބުނާގޮތުން ހަވެޓްޒް ގެންނަން މިވަގުތު އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ އާސެނަލުންނެވެ. އެގޮތުން މި ޓްރާންސްފާއާ ގުޅޭގޮތުން އާސެނަލުން ހަވެޓްޒްއާ ވާހަކަދައްކަމުން އަންނައިރު ޗެލްސީން އޭނާ ވިއްކާލަން ކިޔާ އަގު ކުޑަކުރުމަށް ވެސް އާސެނަލުން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ޗެލްސީން ހަވެޓްޒް ވިއްކާލަން ކިޔަނީ 75 މިލިއަން ޕައުންޑްގެ އަގެކެވެ.
ހަވެޓްޒް ގެންނަން ސްޕެއިންގެ ރެއާލް މެޑްރިޑް އަދި ޖަރުމަނުގެ ބަޔާން މިއުނިކުން ވެސް ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ޖަރުމަނުގެ ބަޔާ ލެވަކޫސަން އިން 2020 ގައި ޗެލްސީއާ ގުޅުނު ހަވެޓްޒް އަށް މިދިޔަ ސީޒަނުގައި ކުޅުނު 47 މެޗުގައި ކާމިޔާބު ކުރެވުނީ އެންމެ 9 ގޯލެވެ. އޭނާ މިހާތަނަށް ވަނީ ޗެލްސީ އަށް 139 މެޗު ކުޅެދީ 32 ގޯލު ކާމިޔާބުކޮށްދީފަ އެވެ.
ހަވެޓްޒް ވަނީ ޗެލްސީއާއެކު ޗެމްޕިއަންސް ލީގު، ޔޫއެފާ ސުޕަ ކަޕް އަދި ކްލަބް ވޯލްޑް ކަޕެއް ހޯދައިފަ އެވެ.