އައްޑޫގެ ފެން ތަހްލީލް ކުރުމަށް ލެބޯޓަރީއެއް ގާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.
އައްޑޫގެ ޑެޕިއުޓީ މޭޔަރ އަބްދުﷲ ޠޮއްޔިބް (ޓޮމް) ވިދާޅުވީ ފެން ތަހްލީލް ކުރުމަށް ގާއިމް ކުރާ ލެބޯޓަރީގެ މަސައްކަތް ކުރިއަށް ގެންދަނީ އެންވައިރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ އެހީތެރިކަމާއި އެކު ހިތަދޫގައި ކަމަށެވެ.
ޓޮމް ވިދާޅުވީ ލެބޯޓަރީއަށް ބޭނުންވާ ސާމާނާއި މީހުން ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްދެނީ އީޕީއޭއިން ކަމަށެވެ.އަދި މިތަން އަންނަ މަހު ހުޅުވޭވަރުވާނެކަމަށް ޓޮމް ވިދާޅުވިއެވެ.
އައްޑޫގެ ފެން ތަހްލީލު ކުރުމަށް ލެބޯޓަރީއެއް ހެދުމަށް މަަސައްކަތް ކުރަމުން އަންނަ އިރު ގިނަ ރަށްތަކުގެ ފެންވަނީ ވަރަށް ބޮޑަށް ތަޢައްޔަރުވެ ބޭނުން ކަމުނުދާ ހިސާބަށް ގޮސްފައެވެ.
އައްޑޫއަށް ސާފު ބޯފެން ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފެއްޓެވި މަސައްކަތުގެ ތެރެއިން ހިތަދޫގެ ބައެއް ސަރަހައްދަށް ސާފު ބޯފެން ދޫކޮށްފައިވާއިރު އެފެނުގެ ކޮލެޓީ އަދި މިހާތަނަށް ޓެސްޓްކޮށްފައި ނުވެއެވެ. ބައެއް ފަރާތްތަކުން އެފެން ބޭނުން ކުރަން ކަމުނުދާކަމަށް ދަނީ ބުނަމުންނެވެ.