Last Updated: June 29, 02:00
Sunday, June 28, 2026
ޚަބަރު

އައްޑޫގެ ނަރުދަމާއަށް 17 މިލިއަން ޑޮލަރު

އޯޕެކް ފަންޑުން ރާއްޖެއަށް ދޭ އެހިގެ ތެރެއިން 17 މިލިއަން ޑޮލަރު އައްޑޫގެ ނަރުދަމާއަށް ހަރަދު ކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ފެދޫ ދާއިރާގެ ކައުންސިލުން ހުސްވެފައިވާ ގޮޑިއަށް ބާއްވާ ބައި އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ އާމިނަތު އީނާގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހް ކުރުމަށް ރޭ ފޭދޫ ބަނދަރު މަތީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ އޯޕެކް ފަންޑުންދޭ ފައިސާގެ ތެރެއިން 17 މިލިއަން ޑޮލަރު އައްޑޫގެ ނަރުދަމާއަށް މިއަހަރު ހަރަދު ކުރައްވާނެކަމަށެވެ.

ރައީސް ވިދާޅުވީ ފޭދޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލު ކުރުމުގެ ގޮތުން އަންނަ އަހަރު ފޭދޫގެ ބިން ހިއްކުމަށް މިއަންނަ އަހރުގެ ބަޖެޓްގައި ހިމަނާފައިވާ ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި، ފޭދޫގެ ބަނދަރު ސަރަހައްދާއި، ރަށްދެބައި މަގުގެ ތާރު އެޅުން ރަސްމީކޮށް ވަނީ ފައްޓަވާ ދެއްވާފައެވެ.
10609699_287589481448993_5640411013601852706_n

އީނާގެ ކެމްޕެއިން އިފްތިތާހް ކުރުމަށް ވަޑައިގެން ރައީސްވަނީ މިފަދަ އެހެން ކެމްޕެއިން ތަކުގައިވެސް އާއްމުކޮށް ދައްކަވާ ވާހަކަފުޅު ތައް ތަކުރާރު ކުރައްވާފައެވެ. އެގޮތުން އައްޑޫގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަން މިދަތުރުފުޅުގައިވެސް ވަނީ ތަކުރާރު ކުރައްވާފައެވެ. ނަަމަވެސް ހިތަދޫގައި އަޅަން ސަރުކާރުން ނިންމާފައިވާ 100 އެނދުގެ އާ ހޮސްޕިޓަލްގެ އެއްވެސް ތަފްސީލެއް ނުދެއްވައެވެ.

ރޭގެ ރަސްމިއްޔާތުގައި، އެސްއީޒެޑްގެ ބޯޑު ޗެއާމަން ޓޫރިޒަމް މިނިސްޓަރ އަހްމަދު އަދީބް ވިދާޅުވީ، އައްޑޫ އާއި ފުވައްމުލައް އަދި ހުވަދޫ ހިމެނޭ ގޮތަށް އެސްއީޒެޑްގެ ދަށުން ދެކުނު ތަރައްޤީ ކުރާއިރު އައްޑޫ ވެގެންދާނީ ތަރައްޤީގެ މައި މަރުކަޒަށް ކަމަށެވެ.

16096_287589438115664_7104324936096202619_n
ނިމިގެން ދިޔަ ޖޫން މަހު އައްޑޫގެ ޓޫރިޒަމް ޕްލޭން ލޯންޗު ކުރައްވާނެކަމަށް އަދީބް ވިދާޅުވެފައިވާއިރު އަދި މިހާތަނަށް އެޕްލޭންގެ އެއްވެސް އަޑެއް ނީވެއެވެ. އެހެންވެ ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބީ ރައީސް ޔާމީންގެ މި ދަތުރުފުޅުގައި އައްޑޫގައި ހިންގަން ސަރުކާރުން ނިންމަވާފައިވާ "މެގަ" ޕްރޮޖެކްޓް އިއްލާން ކުރައްވާނެ ކަމަށެވެ.

ނަމަވެސް ހަމައެކަނި ފެނިގެން ދިޔައީ ކުޑަ ތަންކޮޅެއްގައި ތާރު އެޅުން އިފްތިތާހް ކުރުމާއި، 17 މިލިއަން ޑޮލަރު ނަރުދަމާގެ ވާހަކަ އެކަނިއެވެ.