ޕީޕީއެމާއި ޕީއެންސީގެ މެނިފެސްޓޯ އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމުން ބޭލުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިނަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި އޭނަ ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އޮތީ އެ ކޯލިޝަނާ ގުޅިގެން ރިޔާސީ އިންތިހާބަށް ނުކުންނަން ތިބި ކޮންމެ ބަޔަކާ ވެސް ގުޅިގެން ކުރިއަށްދާން ކަމަށެވެ. އެހެންވެ އެންމެ މުހިއްމު ކަމަކީ މިހާރު ނިމުމަކާ ގާތްވަމުން އަންނަ ސަރުކާރު އެއްކޮށް ނިންމައިލުން ކަމަށް ޝިޔާމު ވިދާޅުވި އެވެ.
Progressive Congress Coalition ge jagaha Jalsaa #FreePresidentYameen pic.twitter.com/7tJnb4XSwh
— Progressive Party of Maldives (@ProgressPartyMV) June 14, 2023
"[އެހެންވީމަ] އަޅުގަނޑުމެންގެ މެނިފެސްޓޯ އަކީ މި އިބްރާހީމް [ރައީސް ސޯލިހު] ވެރިކަމުން ބޭލުން." އޭނަ ވިދާޅުވި އެވެ.
ޝިޔާމު ވިދާޅުވީ ރައްޔިތުންގެ ރަނގަޅު ތަރައްގީ އާއި ރާއްޖެ އަށް ކުރިއެރުން ލިބެން އޮތީ އެކަންކޮށްގެން ކަމަށެވެ. އެހެންވެ އެކަމުގައި ހުއްޓުމެއް، ފަސްޖެހުމެއް ނެތި ދެމިތިބޭނެ ކަމަށް ވިދާޅުވި އެވެ.
"އޭނަ ބޭލުނީމަ މި ގައުމުގެ އިގުތިސާދު ކުރިއަރައިގެން ދާނީ. އޭނަ ބޭލުނީމަ މި ގައުމަށް އިޖުތިމާއީ ދުޅަހެޔޮން ލިބޭނީ. އޭނަ ބޭލުނީމަ މި ގައުމުގައި ބޯހިޔާވަހިކަން ލިބޭނީ." ޝިޔާމު ވަރަށް ޖޯޝްގައި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
Progressive Congress Coalition ge jagaha Jalsaa #FreePresidentYameen pic.twitter.com/3rQ4VBd2z8
— Progressive Party of Maldives (@ProgressPartyMV) June 14, 2023
ރިޔާސީ އިންތިހާބު ދެ މަހެއްހާ ދުވަހަށް ގާތްވެފައިވާ އިރު، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. ނަމަވެސް އިދިކޮޅުން ތަކުރާރުކޮށް ބުނަމުން އަންނަނީ ޔާމީން އިންތިހާބުގައި ވާދަކުރައްވާނެ ކަމަށާއި އެ ނޫން އިހުތިޔާރެއް ނުވެސް ނެތް ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ކުރާނީ އެއްބުރުން ކަމަށް ވެސް ޕީއެމާއި ޕީއެންސީން ބުނެ އެވެ.
ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ.