ކޮޕީރައިޓާ ހިލާފަށް ނާޖާއީޒު ފައިދާ ނެގޭ ގޮތަށް ޓްވިޓާ އިން އަމަލުކުރަމުންދާ ކަމަށް ބުނެ އެކަމުގެ ގެއްލުމުގެ ބަދަލަށް 250 މިލިއަން ޑޮލަރު ނަގައިދޭން ނެޝަނަލް މިއުޒިކް ޕަބްލިޝާސް އެސޯސިއޭޝަން (އެންއެމްޕީއޭ) އިިން ޓްވިޓާ އަށް ދައުވާކޮށްފި އެވެ.
އެމެރިކާގެ ނޭޝްވިލްގެ ފެޑެރަލް ޑިސްޓްރިޓް ކޯޓަށް ޓްވިޓާއާ ދެކޮޅަށް ހުށަހެޅި މައްސަލަގައި 17 މިއުޒިކް ލޭބަލަކުން ހިއްސާވެ އެވެ. އެގެ ތެރޭގައި ސޮނީ މިއުޒިކް ޕަބްލިޝިން އާއި ބީއެމްޖީ ރައިޓްސް މެނޭޖްމަންޓްގެ އިތުރުން ޔުނިވާސަލް މިއުޒިކް ޕަބްލިޝިން ގްރޫޕް ހިމެނެ އެވެ.
ގެއްލުމުގެ ބަދަލަށް ޓްވިޓާ އިން 250 މިލިއަން ޑޮލަރު ނަގައިދޭން ހުށަހެޅި މައްސަލާގައި ބުނެފައިވާ ގޮތުގައި ހުއްދަ ނެތި ޓްވިޓާ އިން 1،700 އެއްހާ ލަވައެއްގެ ހައްގަށް އަރައިގަނެ، އެއިން ނާޖާއީޒު ދަނީ ހޯދަމުންނެވެ. އަދި މިކަން އެންމެ ބޮޑަށް ފެންމަތިވާން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މަހުޖަނު އީލޮން މަސްކް ޓްވިޓާ ބައްލަވައިގަތް ފަހުން ކަމަށް ވެސް އެންއެމްޕީއޭ އިން ބުނެފައިވެ އެވެ.
އެތަނުން ބުނީ ފިކުރީ މުދަލަށް އަރައި ގަނެ، ނާޖާއީޒު ފައިދާ ޓްވިޓާ އިން ނަގާ މައްސަލަ ޓްވިޓާގެ ސަމާލު ކަމަށް ވެސް އެތައް ފަހަރަކު ގެނައި ކަމަށާއި އެކަމަކު ކަންތައްތައް ދަނީ ދުވަހުން ދުވަހަށް ގޯހުން ގޯހަށް ކަމަށެވެ. އަދި މީގެ ސަބަބުން ފޭސްބުކާއި އިންސްޓަގްރާމާއި ޔޫޓިއުބާއި ސްނެޕްޗެޓް ފަދަ ޕްލެޓްފޯމްތަކަށް އޭގެ ގެއްލުމާ ވެސް ކުރިމަތިލާން ޖެހިފައިވާކަން އެންއެމްޕީން ހުށަހެޅި މއްސަލައިގައި ފާހަގަކޮށްފައިވެ އެވެ.
@elonmusk Twitter uses a significant amount of music but unlike all other mainstream social media platforms has refused to license that music or compensate songwriters. Please help.
— David Israelite (@DavidIsraelite) April 6, 2022
"ޓްވިޓާ ފަދަ ބޮޑު ޕްލެޓްފޯމަކުން ދަނީ ހުއްދަ ނެތި އެތައް މިލިއަން ލަވައަކުން ނަހަމަ ފައިދާ ނަގަމުން. މިއީ ވަރަށް ކަންބޮޑުވާ ކަމެއް. އަދި އެތައް ބައެއްގެ މީގެ ގެއްލުން އެބަވޭ." އެންއެމްޕީއޭގެ ރައީސް ޑޭވޮޑް އިޒްރަލީޓް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ޓްވިޓާ އިން އަދި ވަކި އެއްޗެއް ނުބުނެ އެވެ. އެ ކުންފުންޏެއް މިދިޔަ މަހު ވަނީ އާ ސީއީއޯކު ހަމަޖައްސައިފަ އެވެ. އެއީ ލިންޑާ ޔަކަރީނޯ އެވެ. އީލޮން ޓްވިޓާ ބައްލަވައިގަތީ 44 ބިލިއަން ޑޮލަރަށެވެ.