ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމްގެ ހާއްސަ ކެމްޕޭން ހަރަކާތެއް މިރޭ ސަލްޓާން ޕާކުގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފިއެވެ.
ޖޭޕީގެ ރިޔާސީ ކެމްޕެއިނާ ގުޅިފައިވާ މި ޚާއްސަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ ސަލްޓަންޕާކް (ލިލީމަގު) ސިޑިބަރި ސަރަހައްދުގައެވެ. މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 08:45 ގައެވެ.
ޖޭޕީގެ ރިޔާސީ ޓިކެޓް އެރުވުމަށް 9 ޖޫން ގައި ބޭއްވި ހަރަކާތުގައި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ދެއްކެވި ވާހަކަފުޅުގައި އަލިއަޅުވާލެއްވި ކަންކަމުގެ މައްޗަށް މިރޭ އިތުރު ތަފްސީލް ގެނެސްދެވޭނެ ކަމަށް ޖޭޕީން މައުލޫމާތުދެއެވެ.
މިރޭގެ ބައްދަލުވުމުގައި ޖޭޕީގެ އިސްވެރިންނާއި ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ. ބައްދަލުވުން ލީޑްކުރައްވާނީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އަދި އުތުރު ކެމްޕެއިން މެނޭޖަރ އަމީން އިބްރާހިމްއެވެ.
މި ބައްދަލުވުމުގައި ޒުވާނުންނާއި ފަންނުވެރިން އަދި ވީހާވެސް ގިނަބަޔަކު ބައިވެރިވުމަކީ ވަރަށް ބޮޑުއެދުމެއް ކަމަށް ޖޭޕީން ބުނެފައިވެއެވެ. މި ބައްދަލުވުމަކީ ހުޅުވާލައިގެން ކުރިއަށް ގެންދެވޭ ހަރަކާތަކަށްވުމުން ބައްދަލުވުމުގައި ބައިވެރިވުމަށް ބޭނުންވާ އެންމެހާ ފަރާތްތަކަށް ވަނީ ދައުވަތު އަރުވާފައެވެ.