Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ދީޕިކާގެ ފިލްމުގެ ވިލަންއަކަށް ކަމަލް ހަސަން

އިންޑިއާގެ މަޝްހޫރު ތަރިން ކަމަށްވާ ދީޕިކާ ޕަދްކޯން އާއި ޕްރަބާސްގެ ބޮޑު ބަޖެޓް ފިލްމު "ޕްރޮޖެކްޓް ކޭ" ވިލަންގެ ރޯލަށް ތަޖުރިބާކާރު އެކްޓަރު ކަމަލް ހަސަން ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 68 އަހަރުގެ ހުނަރުވެރި އެކްޓަރު އެ ފިލްމަށް ސޮއިކުރީ 150 ކްރޯޑް ރުޕީސް (18.2 މިލިއަން ޑޮލަރު) އަށް ކަމަށާއި ފިލްމުގެ ކްރޫއާ އޭނަ އަންނަ އޮގަސްޓް މަހުގެ ތެރޭގައި ގުޅޭނެ ކަމަށެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނި ގޮތުގައި "ޕްރޮޖެކްޓް ކޭ" ގައި ޕްރަބާސް އާއި ކަމަލް ހަސަންގެ ވަރުގަދަ ކުރިމަތިލުންތަކެއް ހިމެނޭނެ އެވެ.

މި ފިލްމުގެ ކާސްޓްގައި އަމީތާބް ބައްޗަނާއި ޑިޝާ ޕަޓާނީ ވެސް ހިިމެނެ އެވެ.

ވަގުތީ ނަމަކަށް "ޕްރޮޖެކްޓް ކޭ" ކިޔައިގެން މަސައްކަތް ކުރިއަށްދާ މި ފިލްމަކީ މަޝްހޫރު ތެލެގޫ ޑައިރެކްޓަރު ނާގް އަޝްވިން ހަދާ ސައިންސް ފިކްޝަން އެކްޝަން ފިލްމެކެވެ. އޭނަ އަކީ ނެޝަން އެވޯޑް ހޯދި 2018 ގެ ބައޮގްރަފިކަލް ޑްރާމާ "މަހާނަތީ" ގެ ޑައިރެކްޓަރެވެ.

އިންޑިއާގެ ސިނަމާ އަށް އިންގިލާބީ ބަދަލެއް ގެނުވައިދޭނެ ފިލްމެއްގެ ގޮތުގައި ސިފަކުރާ "ޕްރޮޖެކްޓް ކޭ" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ޖެނުއަރީ 12 ގަ އެވެ.