ބޮލޫވުޑްގެ ބަތަލާ ސޯނަމް ކަޕޫރްގެ ފިލްމީ ކެރިއަރު އަލުން ކޮޅަށް ޖަހަން ބޮލީވުޑްގެ އެންމެ ބޮޑު ސްޓޫޑިއޯ، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ޓެލެންޓް އެޖެންސީއާ ގުޅިއްޖެ އެވެ.
މިއާ އެކީ ސޯނަމަށް ފުރުސަތުތައް ފަހިކޮށްދޭން ވައިއާރްއެފް ޓެލެންޓުން ގިނަ މަސައްކަތްކޮށްދޭނެ އެވެ. މަޝްހޫރު އެކްޓަރު އަނިލް ކަޕޫރް ދަރިފުޅަކީ ކުރިން ވެސް ވައިއާރްއެފްގެ ފިލްމެއް ކުޅެފައިވާ ބަތަލާއެކެވެ. އެއީ އަޔޫޝްމަން ކްރާނާއާ އެކީ ކުޅުނު 2014 ގެ ރޮމޭންޓިކް ކޮމެޑީ "ބޭވަފޫކިޔާ" އެވެ.
ދެހާސް އަށާރައިގައި ކައިވެނިކުރި ފަހުން ސޯނަމް އާންމުކޮށް ދިރިއުޅެމުން އަންނަނީ ފިރިމީހާ އާނަންދު އަހޫޖާއާ އެކީ އިނގިރޭސިވިލާތުގަ އެވެ.
މިދިޔަ އަހަރު ދަރިއަކު ވެސް ލިބުނު ސޯނަމަކީ މިހާތަނަށް ބޮލީވުޑުން މާ ބޮޑު ކުރިއެރުމެއް ލިބުނު ބަތަލާއެއް ނޫނެވެ. އެކަމަކު އޭނަ ވަނީ ބޮލީވުޑްގެ އެންމެ ފާހަގަކޮށްލެވޭ ބައެއް ޑައިރެކްޓަރުންނާ އެކީ މަސައްކަތްކޮށްފަ އެވެ. ސޯނަމް ބޮލީވުޑަށް ނުކުތީ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ 2007 ގެ "ސާވަރިއާ" އިންނެވެ. އަދި އޭނަ ވަނީ "މޭނޭ ޕިޔާރު ކިޔާ" އާއި "ހަމް އާޕް ކޭ ހޭ ކޯން" ގެނެސްދިން ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ 2015 ގެ "ޕްރޭމް ރަތަން ދަން ޕާޔޯ" ވެސް ކުޅެފަ އެވެ.
ސޯނަމް، 38، ގެ ކެރިއަރުގައި އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކަކީ 2013 ގެ "ރާންޖަނާ" އާއި 2016 ގެ "ނީރްޖާ" އެވެ.
އޭނަ އެންމެ ފަހުން ފެނިފައި ވަނީ ބައްޕަ އަނިލްގެ 2020 ގެ "އޭކޭ ވާސަސް އޭކޭ" ގެ ކެމިއޯއަކުންނެވެ. ސޯނަމްގެ ކުރިއަށް އޮތް ފިލްމަކީ ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ "ބްލައިންޑް" އެވެ. މިއީ 2021 ގައި ޝޫޓިން ނިންމާފައި އޮތް އެއްޗެކެވެ.