Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

ނުކުޅެދުންތެރިންގެ އިނާޔަތް 3،000ރ. އަށް ބޮޑުކޮށްފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް 3000 ރުފިޔާއަށް ބޮޑުކޮށް އިތުރު އިނާޔަތްތަކެއް ހަމަޖައްސައިފިއެވެ.

މީގެކުރިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެމުންދިޔައީ 2000 ރުފިޔާގެ އިނާޔަތެކެވެ. އެ އަދަދު 3000 ރުފިޔާއަށް ބޮޑުކޮށް ކެޓަގަރީތަކަކަށް ބަހާލައިގެން އިތުރު އިނާޔަތްތެކެެއް ދިނުމަށް ވަނީ ނިންމާފައެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ އިތުރު ތަފްސީލުތައް ހާމަކުރައްވަމުން ސަރުކާރުން ބުނެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް 3000 ރުފިޔާއަށް ބޮޑުކުރުމުން ހުރިހާ ފަރާތްތަކަކަށްވެސް އެ އަދަދު ލިބޭނެ ކަމަށެވެ.

މި ގެނެވުނު ބަދަލުތަކާއެކު މަދުވެގެން 3000 ރުފިޔާ އަދި ގިނަވެގެން 6000 ރުފިޔާ އިނާޔަތުގެ ގޮތުގައި ލިބޭނެކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.

މާލީ އިނާޔަތްލިބޭ ކެޓަގަރީތަކަށް ބަލާއިރު ހުރި ނުކުޅެދުންތެރިކަމުގެ ސަބަބުން އަމިއްލައަށް ނޫޅެވޭ ނުވަތަ އެހެން ފަރާތަކުން ބަލަހައްޓަން ޖެހޭ ފަރާތެއްނަމަ 2000 ރުފިޔާގެ އިތުރު އެލަވަންސެއް އަދި ހުރި ނުކުޅެދުންތެރިަކމުގެ ސަބަބުން އަސާސީ ބޭނުންތަކަށް އާންމުކޮށް ބޭނުންކުރަންޖެހޭ އިތުރު ތަކެތި ހޯދުމަށް އެހީތެރިވުމުގެ ގޮތުން އިތުރު 1000 ރުފިޔާގެ އެލަވަންސެއް ވަނީ ހަމަޖައްސާފައެވެ. މި ކެޓަގަރީ އަމާޒު ކުރެވިފައިވަނީ ނުކުލެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން 65 އަހަރުން ދަށުގެ ފަރާތްތަކަށެވެ.

މީގެއިތުރުން އާއިލާގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަދަދު އިތުރުނަމަ އެލަވަންސްގެ ގޮތުގައި އިތުރު 1000 ރުފިޔާ ލިބިގެންދާނެއެވެ. ކެޓަގަރީ އަމާޒު ކުރެވޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ އެއް ގޭބިސީއެއްގައި ނުކުޅެދުންތެރިކަން ހުންނަ 3 ނުވަތަ އެއަށް ވުރެއް ގިނަ ފަރާތް ހިމެނޭނަމަ 65 އަހަރުން ދަށުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ.

މޭ 2023 ގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 11،371 ފަރާތެއް ރަޖިސްޓްރީ ކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ 6645 ފިރިހެނުންނާއި 4726 އަންހެނުންނެވެ.