ކުޑަކުދިންގެ ކަންކަމުގައި ޝާމިލުވާ ހުރިހާފަރާތްތަކުން ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް ރަނގަޅު ނަމޫނާދައްކައިދޭ ބަޔަކަށް ވެދެއްވުމަށް ފަސްޓް ލޭޑީ ފަޒްނާ އަހުމަދު އެދިވަޑައިގެންފިއެވެ.
ދަރުބާރުގޭގައި މިއަދު ކުރިއަށްގެންދިޔަ ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ޕްރީސްކޫލްގެ ދަސްވެނިވުން 2022-2023ގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މެޑަމް ފަޒްނާ ވިދާޅުވީ ދީނީ ކަންކަމާއި އެކަކަކު އަނެކަކާ މުއާމަލާތުކުރުމުގައާއި ސިއްހީ ކަންކަމާއި ޓްރެފިކްގެ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމުގައާއި ތިމާވެށްޓަށް އިސްކަންދޭ މިންވަރުފަދަ ދިރިއުޅުމުގެ ކޮންމެކަމެއްގައި ވެސް ކުޑަކުދިންނަށް ރަނގަޅު ނަމޫނާ ދައްކައިދެވިގެން ނޫނީ ކުދިންގެ ކިބައިން ފެންނަން އެދޭ ރަނގަޅު ބަދަލުތައް ފެނިގެން ނުދާނެކަމަށެވެ.
ކުއްޖާ ރަނގަޅު ޝަހުސިއްޔަތެއްގެ ގޮތުގައި ހެދިބޮޑުވުމަށް ސްކޫލާއި ބެލެނިވެރިންގެ އިތުރުން ކުދިންގެ ކަންކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކުންވެސް ރަނގަޅު ނަމޫނާ ދައްކުވައިދޭންޖެހޭކަން މެޑަމް ފަޒްނާ ފާހަގަކުރެއްވިއެވެ.
އެގޮތުން ކުޑަކުދިންގެ ކަންކަމުގައި ހުރިހާ ދިމާއަކަށްވެސް ސަމާލުކަންދޭންޖެހޭކަމަށާއި ސްކޫލްތަކުގައި ބާއްވާ ހަފްލާތަކުގައިވިޔަސް ބެލެނިވެރިން ކުދިންނަށް ދޭ ކާނާގައިވެސް ފައިދާހުރި ރަނގަޅު ކާނާ ހިމެނުންފަދަ ކަންކަމާއި ތިމާވެށީގެ ދުވަހު ތަންތަން ސާފުކުރަންއުޅުމާއި އާތްޑޭ ފަދަ ދުވަސްތަކުގައި ހަމައެކަނި ބޮކި ނިންވާލާ ކަރަންޓް އިސްރާފުވުން ކުޑަކުރަން މަސައްކަތްކުރުމުގެ ބަދަލުގައި އެކަންކަމަކީ އެއީ ކޮންމެ ދުވަހެއްގެ އާދައަކަށް ހެދުންފަދަ ކަންކަމަށް ހާއްސަ ސަމާލުކަންދޭންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އިންކްލޫސިވް އެޑިއުކޭޝަން ވީ އެންމެ ފުޅާދާއިރާއެއްގައި ސްކޫލުތަކުގައި ކުރިޔަށް ގެންދިއުމުގައި ސްކޫލްތަކާއި ބެލެނިވެރިން އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.