ރައްޔިތުންގެ މަޖިލީހުން މިހާރު ފެންނަނީ މަރުތަޅުއެޅި އެކިކަހަލަ ޑްރާމާ ކުޅޭތަންކަމަށް އެމްއެންޕީގެ ލީޑަރު ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރޭ އެމްއެންޕީން ކުރިއަށްގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ރާއްޖޭގައި އޮތީ ރިޔާސީ ނިޒާމެއް ކަމަށާއި މި ނިޒާމަކީ ތިން ބާރު ވަކިވެފައި އޮތް ނިޒާމެއް ކަމަށެވެ. އެހެންނަމަވެސް މިއަދު އޭގެން އެއްބާރު މަރުތަޅުއެޅިފައި ވާކަމަށް ވިދާޅުވިއެވެ.
"އެހެންނަމަވެސް މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ ތިން ބާރުގެ ތެރެއިން އެއް ބާރު މުޅިން މަރުތަޅުއެޅި އެތަނުގައި އެކިކަހަލަ ޑްރާމާ ކުޅެމުންދާ މަންޒަރު. އަޅުގަނޑުމެން ބޭނުންވި ޑިމޮކްރަސީއެއް މިއަދަކު ނައި." ނާޒިމް ވިދާޅުވިއެވެ.
ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް މަސައްކަތް ކުރި މީހުންގެ ފަރާތުން މިހާރު މަޖިލިސް ތެރެއިން ފެންނަނީ ވަރަށް ހިތްދަތި މަންޒަރެއް ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. މި ދެހަފްތާގައި މަޖިލީހުން ފެނިގެންދިޔައީ މިއިން ޒަމާނަކުވެސް މަޖިލީހުން ފެންނަން ބޭނުންނުވާ މަންޒަރެއް ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު ޒިންމާދާރު ކުރުވާތަންކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ މަޖިލީހުގައި މަރުތަޅު އެޅިފައި އޮންނަން އެމްއެންޕީން ބޭނުންނުވާ ކަމަށެވެ. އެހެންކަމުން މަޖިލިސް މަރުތަޅުން ނެއްޓުމަށް މަޝްވަރާ ކުރުމުގެ ބާރު އެމްއެންޕީއަށް ދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ. އަދި އެއްވެސް ޝަރުތެއް ނެތި އެކަންކޮށްދޭން ތައްޔާރަށް ތިއްބެވިކަމަށް ވިދާޅުވިއެވެ.
މަޖިލީހުގައި މިހާރު ދިމާވެފައިއޮތް މައްސަލައަކީ ކޮމިޓީތައް ބެހުމުގެ މައްސަލައެއްކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ އެ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށާއި އެހެންނަމަވެސް ކޮންމެވެސްވަރެއްގެ ދޫދިނުންތަކެއް އޮވެގެން އެކަން ކުރަންޖެހޭ ކަމަށެވެ. ނާޒިމް ވިދާޅުވީ ބެސްޓް ޕްރެކްޓިސްއަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ކޮމިޓީ އަދި މާލިއްޔަތު ކޮޮމިޓީގެ ބާރު އިދިކޮޅު ފަރާތްތަކަށް ދިނުން ކަމަށެވެ. އެކަން އެގޮތަށްކުރަނީ އެމަގުން ސަރުކާރު ޖަވާބުދާރީ ކުރެވޭނެތީ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.