ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ގެއިން ވައްކަން ކުރި މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މުމްބާއީ ފުލުހުން ބުނީ ޖުހޫގައި ހުންނަ ޝިލްޕާގެ ގެއިން ވައްކަންކުރި މައްސަލަ ރިޕޯޓްކުރީ މީގެ ހަފުތާއެއް ކުރިން ކަމަށާއި އެ މައްސަލައިގެ ތުހުމަތުގައި މިހާރު ދެ މީހަކު ހައްޔަރުކޮށް، މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެކަމަކު ހައްޔަރުކުރި މީހުންނާ ބެހޭ އެއްވެސް ތަފުސީލެއް ފުލުހުން ނުދެ އެވެ.
ބައެއް މީޑިއާތަކުން ބުނި ގޮތުގައި ޝިލްޕާ ގެއަށް ވަގުންތަކެއް ވަދެ، އަގުބޮޑު އެކި ސާމާނު ވަގަށް ނަފާފައިވެ އެވެ.
"ދަޅުކަން" ފަދަ ފިލްމުތަކުން ފެނިފައިވާ ބަތަލާ މި ވަގުތު ހުރީ އާއިލާއާ އެކީ އިނގިރޭސިވިލާތުގަ އެވެ. ޝިލްޕާ އެ ގައުމަށް ދިޔައީ މި މަހުގެ 8 ގައި ފާހަގަކުރި އޭނަގެ 48 އުފަން ދުވަހާ ދިމާކޮށެވެ. އޭނަގެ ފިރިމީހާ ރާޖް ކުންދުރާގެ އާއިލާ ދިރިއުޅެނީ އިނގިރޭސިވިލާތުގަ އެވެ.
ދެ ކުދިންގެ މަންމަ ޝިލްޕާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ނިކައްމާ" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަުގެ ތެރޭގައި "ސުކީ" އާއި ކަންނާޑާ ފިލްމު "ކޭޑީ" ހިމެނެ އެވެ.