މިދިޔަ މަހުގެ ތެރޭގައި ސްވިޑްންގެ ވެރިރަށް، ސްޓޮކްހޮމްގެ އިންފްލޭން މަތިވެ، ހިދުމަތާއި މުދަލުގެ އަގު އުފުލުމުގެ ޒިންމާ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭގެ ބޮލުގައި އަޅުވައިފި އެވެ.
މިކަމާ ބެހޭ ގޮތުން ޑަންސްކީ ބޭންކްގެ ޗީފް އިކޮނޮމިނިސްޓް މައިކަލް ގްރާން ވިދާޅުވީ އިންފްލޭޝަން އުފުލުނީ ބިޔޯންސޭގެ "ރިނައިސަންސް" ޓުއާގެ ސަބަބުން ކަމަށާއި ސްޓޮކޮހޮމްގައި ބޭއްވި ދެ ޝޯ އަށް ގިނަ އަދަދެއްގެ ބަޔަކު އެ ސިޓީ އަށް ޖަމާވި ކަމަށެވެ.
ނަތީޖާއެއްގެ ގޮތުން ހޮޓެލްތަކުގެ އަގު އުފުލި އާންމު ވިޔަފާރިތަކާއި އެ ނޫން ވެސް އެތައް ހިދުމަތެއްގެ އަގު ބޮޑުވެގެން ދިޔަ ކަމަށް ވިދާޅުވި އެވެ. މައިކަލް ވިދާޅުވި ގޮތުގައި ބިޔޯންސޭގެ ޝޯތައް ބަލާލަން އެތައް މިލިއަން ބަޔަކު ސްޓޮކްހޮމަށް ޖަމާވުމުގެ ނަތީޖާ އަކީ ހޮސްޕިޓާލިޓީ ސެކްޓާގެ އަގުތަކުގެ ތިންބައިކުޅަ ދެބައި އުފުލިގެން ދިޔަ ކަމަށެވެ.
މީގެ އިތުރުން މުޅި ޖުމްލަކޮށް މިދިޔަ މަހުގެ އިންފްލޭޝަން އުފުލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެޕްރީލް މަހު އިންފްލޭޝަންގެ ނިސްބަތް 9.7 ޕަސެންޓްގައި ހުރި އިރު މިދޔަ މަހު އެ ނިސްބަތް 10.5 ޕަސެންޓަށް އެރި އެވެ.
"މީގެ ކުރިން ވެސް އެތައް ފަންނާނުންތަކެއް މިތާނގައި ޝޯތަކެއް ދީފި. އެކަމަކު ބިޔޯންސޭގެ ޓުއާއާ އެކީ މި ދިމާވި ފަދަ ކަމެއް އަހަރެމެން ކުރިއަކުން ތަޖުރިބާއެއް ނުކުރަން،" މައިކަލް ވިދާޅުވި އެވެ. "އެހެންވެ މިއީ އަސްލު އާދައިގެ ކަމެއް ވެސް ނޫން."
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބިޔޯންސޭގެ "ރިނައިސަންސް" ޓުއާގެ ސްވިޑްން ޝޯތަކަށް ގިނަ ބަޔަކު ދިޔައީ އެ ޓުއާގެ އެހެން ޝޯތަކަށް ވުރެ ސްވިޑްންގެ ޝޯތަކުގެ ޓިކެޓް އަގުހެޔޮވުމާ ގުޅިގެންނެވެ. "ރިނައިސަންސް" ޓުއާ އަކީ ބިިޔޯންސޭ މިދިޔަ އަހަރު އެ ނަމުގައި ނެރުނު އޭނަގެ 7 ވަނަ އަލްބަމާ ގުޅުވައިގެން މެއި މަހުގެ 10 ގައި ފެށި ޓުއާއެކެވެ. ޓުއާ ފެށީ ސްވިޑްންއިންނެވެ.