ކައިރި މުސްތަޤުބަލެއްގައި ރާއްޖޭގައި ޑިޖިޓަލް ޙަލާލް ސިސްޓަމް ތަޢާރަފްކުރެވިގެން ދިއުމަކީ ވަރަށް ބޮޑު އުންމީދެއްކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ޙަލާލް އިކޯ ސިސްޓަމް ޑިވެލޮޕްމަންޓް 2023ގެ ނަމުގައި މިއަދު ކުރިއަށް ގެންދިޔަ ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްވަމުންނެވެ.
މި ވޯކްޝޮޕަކީ ރާއްޖޭގައި ޑިޖިޓަލް ޙަލާލް ސިސްޓަމް ތަޢާރަފްކުރުމަށްޓަކައި، ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން، ސެރޫނާއީ އީކޮމާސްއިން ކަމާގުޅޭ ދާއިރާތަކުގެ ބޭފުޅުންނާއިއެކު ކުރިއަށްގެންދިޔަ ވޯކްޝޮޕެކެވެ.
މި ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޒާހިރު ވިދާޅުވީ ރާއްޖޭގައި ޙަލާލް ސެޓްފިކެޓް ދޫކުރުމުގެ މަސައްކަތް ފަށާފައިވަނީ 2014 ވަނަ އަހަރުގެ އޭޕްރިލް މަހު ކަމަށްވާއިރު މިހާރު 7 ކުންފުންޏަކުން މި ޚިދުމަތް ލިބިގަންނަ ކަމަށާއި އެކްސްޕޯޓްކުރާ މަހުގެ ތަފާތު ބާވަތްތަކުގެ 100އަށްވުރެ ގިނަ އުފެއްދުންތަކަށް ޙަލާލު ސެޓްފިކެޓް ދޫކުރެވުނު ކަމަށެވެ.
މިއީ ކުރިއެރުމެއްކަމުގައިވީ ނަމަވެސް އުފެއްދުންތަކަށް ރާއްޖޭގެ ޙަލާލް ސެޓްފިކެޓް ދިނުމުގައި ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އެކްސްޕޯޓް އަދި އިމްޕޯޓްކުރާ އުފެއްދުންތަކުގައި ހުންނަ ތަކެތި ބަލައި ތަޙްލީލުކުރާނެ ލެބޯޓްރީއެއް ރާއްޖޭގައި ނެތް ކަމަށެވެ. އަދި އެފަދަ އުފެއްދުންތަކުގެ ލެބޯޓްރީ ޓެސްޓް ހެދުމަށް، ތަމްރީނު ލިބިފައިވާ ފަންނީ ބޭފުޅުން މަދުކަމަށާއި ރާއްޖޭގައި ޙަލާލް ސެޓްފިކެޓާމެދު އޮންނަ ހޭލުންތެރިކަން އާންމުގެ ތެރޭގައި މަދުކަންވެސް މިނިސްޓަރ ފާހަގަކުރެއްވި އެވެ. އަދި މިކަމަށް ޚާއްސަ ޤާނޫނީ އޮނިގަނޑެއް ނެތުންފަދަ ކަންކަމަކީ ހުރި ގޮންޖެހުންތައްކަމުގައި ވިދާޅުވި އެވެ.
މި ގޮންޖެހުންތަކުން އަރައިގަތުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ސެރޫނާއީ އީ ކޮމާސް ގުޅިގެން، ރާއްޖޭގައި ޑިޖިޓަލް ޙަލާލް ނިޒާމެއް ޤައިމްކުރުމާ ގުޅޭ ގިނަ މަޝްވަރާތަކެއް ކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ މި މަޝްވަރާތަކުގެތެރޭގައި، ރާއްޖެއަށް އެކްސްޕޯޓްކުރާ ތަކެތި، ޑިޖިޓަލައިޒްޑް ސިސްޓަމަކުން ޓްރެކްކޮށް، ޓެސްޓްކޮށް، މޮނިޓަރ ކުރެވޭނެ ކަމަށެވެ. އަދި ލެބޯޓްރީއެއް ގާއިމްކުރުމުގެ އިތުރުން ސިނާޢަތާގުޅޭ މަޢުލޫމާތު ފޯރުކޮށްދީ، ތަމްރީނުތައް ކުރިއަށް ގެންދިޔުމުގެ މަޝްވަރާތައްވެސް ކުރިއަށް ގެންދެވިފައިވާ ކަމަށެވެ.
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ)ގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދެވޭ މި މަސައްކަތްތަކުގެ ދަށުން އުންމީދަކީ ކައިރި މުސްތަގުބަލެއްގައި ރާއްޖޭގައި ޑިޖިޓަލް ޙަލާލް ސިސްޓަމް ތަޢާރަފްކުރެވިގެން ދިއުންކަމަށް މިނިސްޓަރ ޒާހިރު ވިދާޅުވި އެވެ.
ސެރޫނާއީ އީ ކޮމާސްއިން ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި މިހާރު އޮތް ޙަލާލު ސެޓްފިކެޓް ދިނުމުގެ އުސޫލު އިތުރަށް ދިރާސާކޮށް، ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، ޑިޖިޓަލައިޒްޑް ސިސްޓަމެއްގެ ދަށުން ޙަލާލް ސެޓްފިކެޓްދޫކުރުމުގެ ނިޒާމެއް ތަޢާރަފްކުރުމެވެ.