ލިއޮނަލް މެސީގެ ކެރިއަރުގައި ކާމިޔާބު ކުރި އެންމެ އަވަސް ގޯލާއެކު އާޖެންޓީނާ އިން އޮސްޓްރޭލިއާގެ މައްޗަށް 2-0 އިން ކުރި ހޯދައިފި އެވެ.
ޗައިނާގައި މިއަދު ކުޅުނު އެކުވެރިކަމުގެ މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެސީ ކާމިޔާބު ކުރީ އެއް މިނެޓް 19 ސިކުންތުގެ ތެރޭގަ އެވެ. މި ގޯލު މެސީ ކާމިޔާބު ކުރީ އޮސްޓްރޭލިއާގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ. މިއީ އެންމެފަހުން އާޖެންޓީނާ އަށް ކުޅެދިން 10 މެޗުގައި މެސީ ކާމިޔާބު ކުރި 12 ވަނަ ގޯލެވެ.
އާޖެންޓީނާ އިން މި މެޗުގައި ކާމިޔާބު ކުރި ދެވަނަ ގޯލު މެޗުގެ 68 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ކުޅެން އެރި ޖާމަން ޕަޒެއްލާ އެވެ.
މިއީ ވޯލްޑް ކަޕް ހޯދުމަށްފަހު އާޖެންޓީނާ އިން ގައުމުން ބޭރުގައި ކުޅުނު ފުރަތަމަ މެޗެވެ. މީގެކުރިން އާޖެންޓީނާގައި އެޓީމުން ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފަ އެވެ.
އާޖެންޓީނާ އިން އަންނަ ހޯމަ ދުވަހު އިންޑޮނީޝިޔާއާއެކު ވެސް އެކުވެރިކަމުގެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.